ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕް އޭނާގެ ބޭންޑް ކަމަށްވާ ހޮލީވުޑް ވެމްޕައާސް އާއެކު މިހާރު އަންނަނީ ޔޫރަޕްގެ ގައުމުތަކުގައި ކޮންސެޓް ތަކެއް ދެމުންނެވެ.

އެހެެން ނަމަވެސް މިދިޔަ ހަފްތާގައި ބުޑަޕެސްޓްގައި ތާވަލު ކުރެވުނު ކޮންސެޓް ކެންސަލް ކުރުމަށްފަހު އެ ބޭންޑުން ވަނީ ސްލޮވާކިއާގައި ދޭން އޮތް ޝޯވެސް ކެންސަލް ކޮށްފަ އެވެ.

މި ކޮންސެޓުތައް ކެންސަލް ކުރުމުގެ ސަބަބު ކަމުގައި އެ ބޭންޑުން ބުނެފައިވަނީ ދިމާވި ކުއްލި ހާލަތެއް ކަމަށެވެ. އަދި ކޮންސެޓްގެ ޓިކެޓް ނަގާފައިވާ އެންމެންނަށް ޓިކެޓްގެ ފައިސާ އަނބުރާ ލިބޭނެ ކަމަށް ވެސް އެ ބޭންޑުން ބުންޏެވެ.

އެހެން ނަމަވެސް ބައެއް އާއްމު ފަރާތްތަކުން ވަނީ ކޮންސެޓްގެ އެއް ގަޑިއިރު ކުރިން ޖޮނީ ރާ ބޯ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.

"ޖޮނީގެ ކުއްލި ހާލަކީ މިއީ" މާ ގިނައިން ރާ ބުއިމުގެ ސަބަބުން ޖޮނީއަށް ކޮންސެޓް ނުދެވުނީ ކަމަށް ބުނަމުން މީހަކު ޓްވިޓާގައި ބުނެފައިވެ އެވެ.

ދިގުލައިގެން ދިޔަ ކޯޓު މައްސަލަތަކަކަށްފަހު ޖޮނީ އޭނާގެ ހޮލީވުޑް މަސައްކަތްތައް އަލުން ފަށާފައިވާއިރު މިފަދަ ފަރުވާކުޑަ ކަމަކީ އޭނާގެ ކެރިއަރަށް އަސަރު ކުރާނެ ކަމެއް ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.