އަންނަ ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމުގައި ސޮއިކުރުވަން ކަރެކްޝަންސް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޕާޓީން އެދުމުން އެކަން ކޮށްދިނުމަށް ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ޓިކެޓް ދީފައިވަނީ ކުރީގެ ރައީސް ޔާމިނަށެވެ.

އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިހާބަށް ހުޅުވާލުމާއެކު ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމްއިން ވަނީ ފަށައިފަ އެވެ.

އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ސޮއި ލިބޭނެ ގޮތެއް ހަދައިދިނުމަށް އެދި ޕީޕީއެމް އިން ވަނީ ކަރެކްޝަނަލް ސާވިސަށް ސިޓީއެއް ފޮނުވާފަ އެވެ.

ކަރެކްޝަނުން މީޑިއާތަކަށް ބުނީ، ޔާމީންގެ ކެންޑިޑެސީ ފައިލްކުރުމަށް ޕީޕީއެމުން އެހީތެރިކަމަށް އެދިފައިވާތީ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ.