ދުނިޔޭގެ މަޝްހޫރު ލަވަ ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައިގެ ހިދުމަތަށް ނަގާ ސަބްސްކްރިޕްޝަން ފީ ބޮޑުކޮށްފި އެވެ.

ސްޕޮޓިފައިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ނަގާ ސަބްސްކްރިޕްޝަންތަކަށް މަދުވެގެން 1 ޑޮލަރު އިތުރުކުރާނެ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ހިދުމަތް ހޯދާ ފަރާތްތަކުން ދައްކަން ޖެހޭނީ އަލަށް ކަނޑައަޅާފައިވާ އަގުތައް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްޕޮޓިފައިން ބުނީ އެ ހިދުމަތް މިހާރު ހޯދަމުންދާ ފަރާތްތަކުން އާ އަގުތަކާ އެއްގޮތަށް ސަބްސްކްރިޕްޝަން ދައްކަން ޖެހެނީ އެއް މަސް ފަހުން ކަމަށެވެ. ނަމަވެސް އިޝްތިހާރުތަކާއި ލިމިޓެޑް ހިދުމަތްތަކެއް ލިބޭ ގޮތަށް ހިލޭ ދޫކުރާ ޕެކޭޖަށް ބަދަލެއް ނާންނާނެ ކަމަށް އެ ސްޕޮޓިފައިން ބުނެ އެވެ.

އެތައް މިލިއަން ބަޔަކު ބޭނުންކުރަމުން އަންނަ ސްޕޮޓިފައިން ބުނީ 2008 ވަނަ އަހަރު އެ ހިދުމަތް ލޯންޗުކުރި ފަހުން މާކެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެހެންކަމުން އަގުތައް ގެނައި ބަދަލާއެކު ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނާއި އާޓިސްޓުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

ސްޕޮޓިފައިން އަގުތަކަށް ބަދަލު ގެނެސްފައި މިވަނީ އެމެޒޯން، ޔޫޓިއުބް އަދި އެޕަލް މިއުޒިކުން ވެސް އަގުތަކަށް މިފަދަ ބޮޑު ގެނެސްފައިވާ ވަގުތެއްގަ އެވެ. މިބަދަލާއެކު ސްޕޮޓިފައި ބޭނުންކުރާ އެމެރިކާގައި ދިރިއުޅޭ ފަރާތްތަކުން މަހަކަށް 10.99 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ސްޕޮޓިފައިގެ ޕްރީމިއަމް ޑިއޯ ޕްލޭންގެ އަގު މަހަކު 14.99 ޑޮލަރު ދައްކަންޖެހޭއިރު، ފެމިލީ ޕްލޭން އަދި ސްޓޫޑެންޓް ޕްލޭންގެ އަގަކީ 16.99 ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސްޕޮޓިފައިއަށް ފަސް މިލިއަން އާ ސަބްސްކްރައިބަރުން ލިބުނެވެ. އެއާއެކު، އެ ފްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު 515 މިލިއަނަށް އަރާފައިވެ އެވެ.