މާލެ ސަރަހައްދުގައި މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާއެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރޭ ރޯގާއަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން މިރޯގާ ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މި ރޯގާއިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދުދީފަ އެވެ.

މިރޯގާއިން ރައްކާތެރިވުމަށް:

  • ގިނަ ގިނައިން އަތް ދޮވުން ހޭންޑް ސެނިޓައިޒާ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވޭ
  • ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން
  • ޓިޝޫ/ޕޭޕަ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރައްވާ
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން
  • މީހުން ގިނަ ތަންތަނަށް ނުދިއުން

އެޗްޕީއޭއިން ބުނީ މިދިޔަ 2 ހަފްތާއެއްހާ ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ހޮޑުލުމާއި ބޭރަށް ހިންގާތީ ގިނަ ބަޔަކު މާލެ ސަރަހައްދުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެ ތެރޭގައި ގިނައީ 12 އަހަރުގެ ކުދިން ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.