ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ފުވައްމުލަކުގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ފުލުހުން ދޫކޮށްލައިފި އެވެ.

ފުވައްމުލަކުގައި ރޭ މުޒާހަރާ ކުރިއަށް ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށްދިޔަ ވަގުތު އެވެ. އެ މުޒާހަރާ ހޫނުވީ ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅަން ފެށުމުންނެވެ.

ފުލުހުން ހުރަސްއަޅަން ފެށުމުން މުޒާހަރާގެ ތެރެއިން ވަނީ ފުލުހުންނާ ދިމާލަށް ގާ އުކާފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލި އިރު، ހަމަނުޖެހުންތަކުގެ ތެރޭގައި ހަތަރު ފުލުހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ވެސް ދީފައިވެ އެވެ. އަދި އާންމުގެ ތެރެއިން ވެސް ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އިދިކޮޅު ވަނީ ބުނެފަ އެވެ.

އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާމީހުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރުން ކުށްވެރިކުރާ ކަމަށެވެ.