ޢިދކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ރޭ ފަތިހު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވާފައިވާކަން ރައީސް ޔާމީންގެ ގާނޫނީ ޓީމުންވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ރައީސް ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.