ރޭގަނޑުގެ ދަންބަޔަށް އަޅާހެން ބަނޑުހައިވުން އިތުރުވަނީ އެވެ. "މިޑްނައިޓް ކްރޭވިންގްސް" އާއެކު ދެން ދެވެނީ ރޭގަނޑު ޑެލުވަރީ ކޮށްދޭ ރެސްޓޯރެންޓު ތަކާ ދިމާއަށެވެ. ތިބާއަކީ ވެސް މިކަން ތަޖުރިބާކުރާ ފަރާތެއްނަމަ ތިރީގައި މިވާ ކެއުންތައް އަބަދުވެސް ގޭގައި ބެހެއްޓުން ރަނގަޅެވެ. އެއީ މެންދަމު ބަނޑުހައިވާނަމަ ކެއުން އެންމެ ރަނގަޅު ކެއުން ތަކެވެ.

ޕޮޕްކޯން

ފައިބާ އަދި މިނޫންވެސް އެހެން ސިއްހަތަށް ފައިދާހުރި މާއްދާތަކުން މުއްސަނދި ޒުވާރީއަކީ ގޮދަނުގެ ބާވަތެކެވެ. މިގޮތުން ޕޮޕްކޯންގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދުމަށް އެންމެ ބުއްދިވެރި ގޮތަކީ ގޭގައި ތައްޔާރު ކުރުމެވެ. ބޭރުން ގަނެވޭ ޕޮޕްކޯން ތައްޔާރުކުރުމުގައި އާންމުކޮށް ތެލާއި ލޮނު ގިނައިން ބޭނުން ކުރެވިފައި ހުރެ އެވެ.

ގްރީކް ޔޯގަޓް

ގްރީކް ޔޯގަޓްގައި ޕްރޮޓީން, ކެލްސިއަމް, އަދި ޕްރޯބަޔޯޓިކް ފަދަ ސިއްހަތަށް ފައިދާހުރި މާއްދާތައް ހިމެނެ އެވެ. ޕްރޮޓިންއަކީ ހަށިގަނޑުގެ ހެދިބޮޑުވުމަށް އެހީވެދޭ މުހިއްމު މާއްދާއަކަށް ވީއިރު ކެލްސިއަމްއަކީ ވަރުގަދަ ކަށްޓާއި ދަތްޕިލައެއް އުފެއްދުމުގެ އިތުރުން ހަށިގަނޑުގެ ނިޒާމްތަކަށްވެސް ފައިދާކުރުވަނިވި ބޭނުންތެރި މާއްދާ އެކެވެ. ޕްރޯބަޔޯޓިކްއަކީ ހަޖަމުކުރުމުގެ ނިޒާމަށާއި ދިފާއީ ނިޒާމަށް އަސަރުކުރާ ހަށިގަނޑަށް ފައިދާހުރި ޖަރާސީމު ތަކެކެވެ.

ވޯލްނަޓް އަދި ކަދުރު

ވޯލްނަޓްގައި ޕްރޮޓީން އަދި ހަށިގަނޑަށް ފައިދާހުރި ސަރުބީ އެކުލެވޭއިރު ކަދުރަކީ ވިޓަމިން އޭ, ވިޓަމިން ބީ, ޕޮޓޭސިއަމް, ކެލްސިއަމް, މެގްނީސިއަމް, ފޮސްފޯރަސް އަދި ފައިބާ ފަދަ ސިއްހަތަށް ނުހަނު ފައިދާހުރި މާއްދާތަކުން ފުރިގެންވާ މޭވާ އެކެވެ. ކަދުރާއެކު ވޯލްނަޓް ފަދަ އޮއްޓަރު ހުރި ކެއުމެއް އިޙްތިޔާރުކުރުމުން ކޫސަނި ކެއުންތަކާއި ބުއިންތަކަށް ހިތް ކިޔުން މަދުވާނެ އެވެ.

ޗެރީ

ހަމަނިދި ލިބުމަށް ދަތިވާނަމަ ދަންވަރު ޗެރީ ކެއުމުން ނިދި ލިބުމަށް އެހީތެރިވެދެ އެވެ. ޗެރީއަކީ ގިނަ އަދަދަކަށް މެލަޓޮނިން އެކުލެވޭ މޭވާއަކަށް ވުމުން ނިދުމުގެ ކުރިން ޗެރީ ޖޫސްފަދަ ބުއިމެއް ބޭނުންކުރުމުން އަރާމު ނިއްޖެއް ލިބުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.