ރާއްޖޭގެ ސިއްހީދާއިރާ ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން ވަރަށްބޮޑުކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބް ރައީސް ފައިސަލް ވާހަކަފުޅުގައި ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ސިއްހީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި ރާއްޖެއަށް ސިއްހީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ހިދުމަތްތަކާއި ފަރުވާތައް ތައާރަފްކޮށް ސިއްހީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާ މަސައްކަތްތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތައް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި އަދި ހަމައެގޮތަށް ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އެކަމަށް އާއްމު ސިއްހަތާއި ނަފްސާނީ ސިއްހަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

މިރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރެދެއްވާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" އަކީ، ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، 08 އޮގަސްޓް 2018ގައި، އޭޑިކޭ ހޮސްޕިޓަލްގަ އެވެ.