އިޓަލީގެ ލަމްޕަޑޫޒާ ކައިރިއަށް އުރުނު ކުޑަ ބޯޓަކުން ދަތުރުކުރި މައިގްރޭޓުންގެ ތެރެއިން 51 މީހުން މަރުވެއްޖެ އެވެ.
ބޯޓުން ސަލާމަތްވި މީހުން އެމީހުން ސަލާމަތްކުރަން އެހީތެރިވި އިޓަލީގެ ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ދިންގޮތުގައި އެމީހުން މަސައްކަތް ކުރީ ޓިއުނީޝިއާއިން ފުރައިގެން ކަނޑު ހުރަސްކޮށް އިޓަލީއަށް ދިއުމަށެވެ. އެހެން ނަމަވެސް އެމީހުންގެ މަންޒިލަށް ފޯރުމުގެ ކުރިން ދަތުރުކުރި ކުޑަ ބޯޓު ދިޔަވެ، ބަންޑުން ޖަހާލީ އެވެ.
ލަމްޕްޑޫޒާގެ ލޯކަލް ނޫސްތަކުން ބުނާ ގޮތުގައި ބޯޓުން ސަލާމަތްވި ހަމައެކަނި ހަތަރު މީހުން ނިސްބަތް ވަނީ އެފްރިކާގެ އައިވަރީ ކޯސްޓަށާއި ގިނީ އަށެވެ.
ނޯތު އެފްރިކާއިން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން 1،800 މީހުން މި އަހަރުގެ މިހާތަނަށް ވަނީ އެކި ހާދިސާތަކުގައި ގެނބިގެން މަރުވެފަ އެވެ.
ގާތްގަނޑަކަށް 20 ފޫޓުގެ ކުޑަ ދަގަނޑު ބޯޓުގައި އެފްރިކާއިން ޔޫރަޕަށް ދިއުމަށް ދަތުރުކުރި ބޯޓުގައި ލައިފް ޖެކެޓް އަޅައިގެން ތިބި ކަމަށް ބެލެވެނީ އެންމެ 15 މީހުންނެވެ. ސަލާމަތްވި މީހުން ބުނިގޮތުގައި ބޯޓު ޓިއުނީޝިއާ އިން ފުރިތާ ދެތިން ގަޑިއިރުގެ ތެރޭގައި އައި ބޮޑު ރާޅެއްގެ ދަށުވެ އަޑިޔަށް ހިނގައްޖެ އެވެ.
ސަލާމަތް ހަތަރު މީހުން ސާލަތްވީ ބޯޓުން މައްޗަށް އެރި ބައެއްތަކެއްޗާއި ލައިފް ޖެކެޓްގެ އެހީގަ އެވެ.
އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބޯޓު ގެނބިގެން އުޅުނު ވަގުތު އެހިސާބު ހުރަސްކޮށް ދިޔަ ބޯޓަކަށާއި ހެލިކޮޕްޓަރަކަށް އެމަންޒަރު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހުން ސަލާތަކުރި ކަމަށް ވަނީ އޭގެ މާފަހުން އެ ހިސާބުން ދަތުރުކުރި ޓޭންކަރަކުންނެވެ. ލަމަޕްޑޫރާގެ ޕްރޮސެކިއުޓަރު ވަނީ މިކަން ހިނގާ ދިޔަގޮތުގެ ތަހުގީގެއް ހިންގުމަށް އަންގައިފަ އެވެ.
ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި އެފްރިކާ އާއި މެދު އިރުމައްޗާއި އޭޝިޔާގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ކަނޑު ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކުރުމަށް މަސައްކަތް ކުރެ އެވެ. މީގެ ތެރެއިން ގިނަ ބަޔަކު ކަނޑުވެގެން މަރުވެފައިވެ އެވެ.