އަރަބި ގައުމުތަކުގައި "ބާބީ" ފިލްމުގެ އަޚުލާގީ މިންގަނޑާމެދު ފާޑުކިއުން އިތުރުވެފައި ވަނިކޮށް ކުވޭތުގައި އެ ފިލްމު ދެއްކުން މަނާ ކޮށްފި އެވެ.

ކުވޭތެކޭ އެއްފަދައިން ލެބަނަންގައި ވެސް އެ ފިލްމާ މެދު ބަހުސްކޮށް މަނާކުރުމާ މެދު އަންނަނީ ވިސްނަމުންނެވެ.

ފާޑުކިއުންތައް އަމާޒުވި ކަމުގައި ވިއަސް ސައޫދީއަރަބިއާ ވެސް ހިމެނޭހެން އިސްލާމީ ގިނަ ގައުމުތަކުގައި ބާބީ ވަނީ ދައްކައިފަ އެވެ. ފުރަތަމަ ހަފުތާގެ ވިޔަފާރި ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސް އެފިލްމު ވަނީ ވިޔަފާރީގެ ރެކޯޑު ހަދައިފަ އެވެ.

ކުވޭތުގެ ސެންސަރު ބޯޑުގެ ވެރިޔާ ލައިފް އަލް ސުބާއީ ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި ފިލްމުތަކުގައި ހުންނަ އެގައުމުގެ ސަގާފަތާ ނުގުޅޭ ތަންތަން ކޮޅު ފިލްމުން އުނި ކުރެ އެވެ. އެކަމަކު ފިލްމެއްގައި އެފަދަ ކަންތަކަށް ހިތްވަރުދީ ޕްރޮމޯޓު ކުރުމަށް މަސައްކަތް ކޮށްފައިވާ ނަމަ ފިލްމު މަނާ ކުރާނެ އެވެ.

ކުވޭތުގެ އިންފޮމޭޝަން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިގޮތުގައި ބާބީ ފިލްމުގައި ކުވޭތުގެ ސަގާފަތާ އާންމު އަޚުލާގީ މިންގަނޑުތަކާ ޚިލާފު ކަންތައް ގިނަ އެވެ.

ލެބަނަންގެ ކަލްޗަރަލް މިނިސްޓަރު މުހައްމަދު މުރުތަޒާ ވަނީ އެގައުމުގައި ބާބީ މަނާކުރުމަށް ކުރަން ޖެހޭ ކަންތައް ކުރުމަށް އިންޓީރިއާ މިނިސްޓްރީގައި ދަންނަވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފިލްމުން އެއްޖިންސުގެ ގުޅުން ޕްރޮމޯޓުކުރުމުގެ އިތުރުން ޓްރާންސް ޖެންޑާއަށް ހިތްވަރުދީ ބައްޕައިންގެ ބެލެނިވެރިކަމާ ދެކޮޅު ހެދުމަށް ތާއީދުކޮށް މަންމައިންގެ ރޯލާމެދު ޖޯކުޖަހައި ކައިވެންޏާއި އާއިލާ ބިނާކުރުމާ މެދު ސުވާލު އުފައްދަ އެވެ.

މުރުތަޒާގެ އެދިވަޑައިގެންނެވުމާއެކު ލެބަނަންގެ އިންޓީރިއާ މިނިސްޓަރާއި ޖަޖް ބައްސާމް މަވްލަވީ ވަނީ ގައުމުގެ ސެންސަރު ބޯޑަށް ފިލްމު ރިވިއު ކުރަން އަންގައިފަ އެވެ.