ސައިންސްވެރިން ބުނާ ގޮތުގައި ހެނދުނު ހޭލައިގެން ފެންވެރުމަށް ވުރެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިން ފެންވެރުމެވެ. އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އަރާމްކޮށް ހަމަ ނިދި ލިބުމާއި، ޖެހިގެން އޮންނަ ދުވަހު ތާޒާކަން މަތީގައި ހުރުން ހިމެނެ އެވެ.

ރޭގަނޑު ހަތް ނުވަތަ ނުވަ ގަޑި އިރު އަރާމުކޮށްލާއިރު އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނިދުމުގެ ކުރިން ފެންވަރާ ތާޒާވެލުން މުހިއްމެވެ. ސިއްޙީ މާހިރުން ދެކޭ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުދި ކުދި ރަނގަޅު އާދަތައް ދަމަހައްޓަން ޖެހެ އެވެ.

އެގޮތުން ނިދުމުގެ ކުރިން ފެންވެރުމާއި، ދަތް އުގުޅުމާއި، ކަސްރަތު ކުރުމަކީ ކުދި އެހެން ނަމަވެސް އެތައް ގުނަ ފައިދާ ލިބިގެންދާ ކަންކަމެވެ. ހަށިގަނޑު މިފަދަ ކަންކަމަށް ހޭނުމުގެ ސަބަބުން ސާފުތާހިރުވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ފައިދާ ލިބެ އެވެ.

ހަމުގެ ޑޮކްޓަރުން ބުނާ ގޮތުގައި ބޮލުގައި ހުންނަ ތެލާއި ގައިގައި ހުންނަ އޮތް ދަލާއެކު ނިދާ އެނދަށް އެރުމަކީ ގިނަގުނަ ބަލިތަކަކަށް މަގުފަހިވެގެން ދާނެ ކަމެކެވެ. މިގޮތަށް ނިދުމުގެ ސަބަބުން ގައިގެ ހަންގަނޑުގައި ރަތް ބިހި ނަގައި ހަންގަނޑަށް ތަފާތު ބަލިތަކެއް ޖެހެ އެވެ.

މީގެ އިތުރުން އެލާޖީތަކަށް ފުރުސަތު ބޮޑުވެ އެވެ. އެގޮތުން ބޭރުގައި އުޅުމަށްފަހު ލައިގެން އުޅޭ ހެދުމާއެކު ނިދަން އޮށޯތުމުން ހެދުމުގައި ހުންނަ ޖަރާސީމުތައް ހަށިގަނޑާއި އެނދުގެ ބެޑުޝީޓްތަކަށް އަރަ އެވެ. މީގެ ސަބަބުން ދުޅަހެޔޮ ސިއްހަތަށް ކުރާ މަސައްކަތަށް ބުރޫ އަރަ އެވެ.

ސައިންސްގެ ހޯދުންތަކަށް ބަލާއިރު ފިނިފެނުގެ ސަބަބުން ހަށިގަނޑުގެ ވަރުބަލިކަމާއި ހާސްކަން ފިލުވައިދެ އެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު އިތުރަށް ތާޒާކޮށް އަރާމު ލިއްބައިދެ އެވެ. އެހެންކަމުން ދުވަސް ނިއްމާލަމުން ހަށިގަނޑަށް އަރާމު ހޯދައި ދިނުމަށް ރޭގަނޑު ނިދުމުގެ ކުރިން ފިނިފެނުން ފެންވަރާލުން ވަރަށް މުހިއްމެވެ.

ހަށިގަނޑުގެ ހޯމޯންތައް އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ރޭގަނޑު ކަމަށްވީއިރު ހޯމޯންތަކުގެ މަސައްކަތް ރަނގަޅު ކުރުމަށްޓަކައި ފެންވެރުން މުހިއްމެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ރޭގަނޑު ފެންވެރުމުން ހޯމޯންތަކަށް އޭގެ ވަޒީފާ އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދެ އެވެ.

ބޮލަކީ ވަރަށް ގިނަ ޖަރާސީމުތައް އުޅޭ ތަނެކެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން ބޯ ނުދޮވެ ނިދާ ނަމަ އެ ޖަރާސީމުތަކުގެ ސަބަބުން މޫނާއި ހަށިގަނޑުގެ އެހެން ބައިތަކަށް ހަމުގެ ބަލިތައް ޖެހުން ވަރަށް ގާތެވެ.

ނިދުމަކީ އިންސާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި އެއް ކަމެވެ. އެހެންކަމުން ނިދާއިރު ވީހާވެސް ބޮޑަށް ހަށިގަނޑަށް އަރާމު ލިބޭ ގޮތަކަށް ނިދުމަކީ ބޭނުންތެރި ކަމެކެވެ. ހަމަ ނިދި ބޭނުންނަމަ ނިދުމުގެ ކުރިން ފެންވެރުން ވަރަށް މުހިއްމެވެ. އެ މީހެއްގެ ހަށިގަނޑު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކަ އެވެ. ތިމާ އާއި އެކުގައި އުޅޭ އެހެން މީހުންގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކަ އެވެ.