އިލެކްޓްރޯނިކް ބައެއް އާލާތްތަކުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް މީގެ ކުރިން ދިރާސާތަކުން ވަނީ ދައްކާފަ އެވެެ.

މިހާރު ފޯނުތަކުންނާއި ޓެބްލެޓުތަކުންނާއި އެލްއީޑި ބައެއް ބޮކިތަކުން ބޭރު ކުރާ "ބްލޫ ލައިޓް" އަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރާ އެއްޗެއް ކަމަށް ފަހުގެ ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

"ބާސެލޯނާ އިންސްޓިޓިއުޓް ފޯ ގްލޯަލް ހެލްތް" އިން 11 ސަރަހައްދަކަށް ނިސްބަތްވާ 4000 މީހުން ބޭނުންކޮށްގެން ހެދި އެ ދިރާސާއިން ދައްކާފައި ވަނީ ރޭގަނޑު ގަޑީގައި "ބްލޫ ލައިޓް" ގެ އަސަރު ކުރާ މީހުންނަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ދެގުނައިރު އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 1.5 ގުނަ އިތުރު ކަމަށެވެ.

މި ދިރާސާގެ ނަތިޖާއާއި ގުޅޭގޮތުން ދިރާސާގެ އިސް ސައިންސްވެރިއަކު ވިދާޅުވީ ބްލޫ ލައިޓްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް މީގެ ކުރިން ސައިންސުވެރިން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި މިދިރާސާގެ ސަބަބުން ބްލޫ ލައިޓް އާއި ކެންސަރާއި ހުރި ގުޅުން ވަރަށް ސާފުވެގެން ހިނގައްެޖެ ކަމަށް ވިދާޅުވި އެވެ.

ޕްރޮސްޓްރޭޓް ކެންސަރާއި އުރަމަތީގެ ކެންސަރަކީ ހޯމޯންތަކާ ގުޅިގެން ޖެހޭ ކެންސަރގެ ދެ ބާވަތެވެ. ބްލޫ ލައިޓް އަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ މެލަޓޮނިން އުފެއްދުން ދަށް ކުރާ އެއްޗެއް ކަމުން ހޯމޯންއަށް އަންނަ މި ބަދަލުން ކެންސަރަށް މަގުފަހިވެދާނެ އެވެ.

ޒަމާނަަށް އަންނަ ބަދަލާއެކު ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި މަގުތަކުގައި ބޭނުން ކުރަމުން ދަނީ ލެޑް ލައިޓު ތަކެވެ. މިފަދަ ލައިޓް ތަކުންވެސް ދޫކުރަނީ ބްލޫ ލައިޓް ކަމުން މިއީ ވެސް މިކަމުގެ ނުރައްކާ އިތުރު ވާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.