ދިގު 22 އަހަރަށްފަހު އަމީޝާ ޕަޓޭލްއާއި ސަނީ ޑިއޯލް އެކުގައި ކުޅުނު ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބި 300 ކްރޯޑްގެ އާމްދަނީއަކާ ވަނީ ވަރަށް ގާތްވެފަ އެވެ.
ގަދަރް 2 ނެރުނުތާ ހަފްތާއެއް ފުރިހަމަވިއިރު އެ ފިލްމުން ވަނީ ބޮކްސްއޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލައި އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވުމަށް ކައިރިވެފަ އެވެ.
މި ފިލްމަކީ 2002 ވަނަ އަހަރު ނުކުތް ފިލްމު "ގަދަރް" ގެ ސީކުއަލް އެކެވެ. އެ ފިލްމުގެ ލީޑުން ވެސް މި ދެތަރިން ފެނިގެން ދިޔައިރު އެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
ފިލްމުގެ ކާމިޔާބީ ފާހަގަ ކުރަމުން އަންނަ މި ދަނޑިވަޅުގައި ބޮލީވުޑްގެ އެހެން ތަރިއަކާއެކު ފިލްމަކުން ފެނިގެން ހިނގައިދާނެތޯ އަމީޝާއާ ސުވާލު ކުރެވެމުން އޭނާ ބުނީ ރިތިކް ރޯޝަންއާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ.
އަމީޝާއާއި ރިތިކްއަކީ 2000 ވަނަ އަހަރު ނުކުތް "ކަހޯނާ ޕްޔާރު ހޭ" އިން އެކުގައި ފެނުނު ޖޯޑެކެވެ. އެއީ އެ ދެތަރިންގެ ވެސް ބޮލީވުޑްގެ އެންމެ ފުރަތަމަ ފިލްމެވެ.
"ކަހޯނާ ޕްޔާރު ހޭ" އަކީ އެ ފިލްމު ނުކުތް އަހަރު ބޮލީވުޑްގައި ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. އެ ފިލްމާއެކު ރިތިކްއާއި އަމީޝާ ވެގެން ދިޔައީ ބޮލީވުޑްގެ އެންމެ ނަން ހިނގާ ޒުވާން ތަރިންނަށެވެ.