ބޮލީވުޑްގެ ހަމަތައް ނަގާލައި އެ ދާއިރާ ހަލާކުކޮށްލީ ސުޕަސްޓާ ޝާހްރުކް ޚާން ކަމަށް ބުނެ ފިލްމު ޕްރޮޑިއުސަރު ވިވެކް އަގްނިހޮތުރީ ޝާހުއަށް ބޮޑު ތުހުމަތުތަކެއް ކޮށްފި އެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިވެކް ބުނީ ބޮލީވުޑްއަކީ ފައިސާއާއި މަޝްހޫރުކަމުގެ މައްޗަށް ބިނާވެފައި އޮތް ދާއިރާއަކަށް ހެދީ ޝާހްރުކް ޚާން ކަމަށެވެ.
ވިވެކް އިތުރަށް ބުނީ މިހާރު ބޮލީވުޑްގައި ކާމިޔާބު ލިބެނީ ހުނަރު ހުރި މީހުންގެ ބަދަލުގައި އެ މީހެއްގެ މަސައްކަތްތައް ރަނގަޅަށް މާކެޓްކުރާ ފަރާތްތަކަށް ކަމަށެވެ.
"މި ދާއިރާގައި އޭނާ ގެންގުޅޭ ސިޔާސަތުތައް އަހަންނަކަށް ކަމަކު ނުދޭ. އޭނާގެ ފިލްމެއް ކާމިޔާބު ވެއްޖެނަމަ އެއީ އޭނާގެ ސަބަބުން. އެކަމަކު އަހަރެންގެ ފިލްމެއް ކާމިޔާބު ވާނީ އާއްމުންގެ ސަބަބުން" ވިވެކް ބުންޏެވެ.
ޚުދު އޭނާއަކީ ވެސް ޝާހްރުކް ޚާނަށް ސަޕޯޓުކުރާ މީހެއް ކަމުގައި ބުނަމުން ވިވެކް ވަނީ ޝާހުއަކީ ބޮލީވުޑު ދުށް އެންމެ ހުނަރުވެރި އެއް ތަރި ކަމަށް ވެސް ބުނެފަ އެވެ.
ޝާހުއާއެކު އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފާނަންތޯ ސުވާލު ކުރެވެމުން ވިވެކް ބުނީ އޭނާގެ ބޭނުންވާ ގޮތަށް ޝާހު އެއްބަސްވާނަމަ އޭނާއާއެކު މަސައްކަތް ކުރަން މިހާރުވެސް ތައްޔާރު ކަމަށެވެ.