ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، ތިން މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލިސް މެދުކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށީ މިއަދު އެވެ. މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތެއް ކަނޑައެޅުމަށެވެ.

ނަމަވެސް މަޖިސް ފެށުމަށްފަހު ތަޅުން ހޫނުވީ، ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި ބައެއް މެންބަރުންގެ ސިޓީ މަޖިލީހަށް ލިބުމުން ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މަޖިލިސް ފެއްޓެވުމަށް ފަހުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި މެންބަރުންގެ ތެރެއިން މިހާތަނަށް އެކަން މަޖިލީހަށް އަންގަވާފައި ވަނީ ތިން މެންބަރުން ކަމަށެވެ. ބާކީ ތިބި މެންބަރުން ޕާޓީ ބަދަލުކުރިކަން އަންގާ ސިޓީ މަޖިލީހަށް ފޮނުއްވާފައިނުވާތީ އެ ސިޓީ ފޮނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

މިއާއެކު މެންބަރުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރައީސް ނަޝިދު ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީގެ ނަން އިއްވަވައި ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

އެ މެންބަރުންގެ ނަން އިއްވި ނަމަވެސް އެ މެންބަދރުން ގެންދެވީ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެދުމުން މަޖިލިސް ވަނީ މެދުކަނޑާލާފަ އެވެ.