ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާޙްކޮށްދެއްވައިފި އެވެ.
ރައީސް މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވެ.
އެމަނިކުފާނު ވަނީ ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫ ޢާއި، އެރަށުގެ 100 ހައުސިން ޔުނިޓްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އާ އޮފީސް ހުޅުއްވައިދެއްވައިފަ އެވެ.
ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެ އެވެ.
ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗަ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި ތުޅާދޫ ފެނަކަ އާ އޮފީސް ޢިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައިފަ އެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.