މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓަށް ހެދިގެން ފިހާރައަކަށް ވަދެ ވިޔަފާރި ކުރަން އުޅުނު މީހަކު ސަލާމަތީ ބާރުތަކުން ހިފަހައްޓައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މި ހަފްތާގެ ކުރީކޮޅު ލޮސް އެންޖެލަސްގެ ޝޮޕިން މޯލްއެއްގެ ތެރޭގަ އެވެ. ޓެއިލާ ކަމަށް ހެދިގެން އުޅެފައިވަނީ އެނާއާ ބުރުސޫރައިގެ ގޮތުން ވަރަށް ވައްތަރު ޓިކްޓޮކް އެކްޓަރެއް ކަމަށްވާ އޭޝްލީ ލީޗިން އެވެ.

އޭޝްލީ ވަނީ ޓެއިލާއާ ވައްތަރުކޮށް ހެދުން އަޅައިގެން ގިނަ ބަޔަކަށް އޮޅުވާލަން މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ޝޮޕިން މޯލްގެ ގާޑުންނަށް އެކަން ފާހަގަ ވެގެން އެތަނުން އޭނާ ވަނީ ބޭރުކޮށްފަ އެވެ.

އޭޝްލީގެ މި އަމަލުގެ ސަބަބުން ޓެއިލާގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި ނަފްރަތު އަމާޒު ކުރަމުންނެވެ.

އެގޮތުން އޭނާ އަންނަނީ ޓެއިލާގެ ހުރިހާ ކަމަކަށް ފާރަލަމުން ކަމަށް މީހުން ތުހުމަތުކުރާއިރު އެއީ ޓެއިލާގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މިކަމަށް ރައްދުދީ އޭޝްލީ ބުނެފައިވަނީ އެއީ އޭނާ ކުރި "ސޯޝަލް އެކްސްޕެރިމެންޓެއް" ކަަމަށާއި އޭނާ ބޭނުންވީ އެ ހާލަތުގައި މީހުން ކަން ކުރާނެ ގޮތް ހޯދަން ކަމަށެވެ.

އެއާއެކު ޓެއިލާގެ ހުރިހާ ކަމަކަށް އޭނާ ފާރަނުލައި ކަމަށާއި ޓެއިލާއަކީ އޭނާވެސް ސަޕޯޓުކުރާ ފަންނާނެއް ކަމަށް އޭޝްލީ ބުނެފައިވެ އެވެ.