ބަރުދަން ލުއި ކުރުމުގެ ބޭނުމުގައި ނުވަތަ ބުރަކޮށް އުޅެފައި ވަގުތު ނުވެގެން ވިއަސް ހައިބަނޑާ ނިދާ މީހުން މަދެއް ނޫނެވެ. މިއީ ހާލަކުން ފަހަރަކު ކުރުމުން މާބޮޑު މައްސަލައަކަށް ނުވާ ކަމެއް ނަމަވެސް އަބަދު މިގޮތަށް ހައިބަނޑާ ނިދާ ނަމަ އެއީ ވަރަށް ބޮޑެތި ގެއްލުން ވާކަމެކެވެ. އެގޮތުން ހައިބަނޑާ ނިދުމުން ދިމާވެދާނެ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
ނިއުޓްރިޝަނަލް ޑެފިޝިއެންސީ
ރޭގަނޑު ނުކާ ނަމަ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ގެއްލިގެންދެ އެވެ. ނިއުޓްރިޝަން އަދި ޑައިޓްރިކް ކޮންސަލްޓަންޓުން ބުނާ ގޮތުގައި ހަށިގަނޑަށް މައިކްރޯ ނިއުޓްރިޝަން ތެރޭގައި ހިމެނޭ މެގްނީޒިއަމް، ވިޓަމިން ބީ12 އަދި ވިޓަމިން ޑީ3 އަކީ ވަރަށް މުހިއްމު މާއްދާ ތަކެކެވެ. ހައިބަނޑާ ކޮންމެ ރެއަކު ނިދާ މީހެއްކަމުގައި ވާނަމަ ހަށިގަނޑުން މި މާއްދާތައް މަދުވެ ރަނގަޅަށް ހަށިގަނޑު މަސައްކަތް ކުރުމަށް ބުރޫ އަރަ އެވެ.
މެޓަބޮލިޒަމަށް އަސަރު ކުރުން
ގަވާއިދުން ނުކައި ނިދާނަމަ އެއީ ހަށިގަނޑުގެ މެޓަބޮލިޒަމްއަށް އޭގެ އަސަރު ކުރާ ކަމެކެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަސަރު ކުރަނީ އިންސިއުލިން ލެވެލް އަށެވެ. މިއީ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ހޯމޯންއެވެ. މީގެ އިތުރުން ކޮލެސްޓްރޯލްއާއި ތައިރޮޑަށްވެސް އަސަރު ކުރެ އެވެ. ގަވާއިދުން ރަނގަޅު ކާނާ ނުކާ ނަމަ ހޯމޯންތަކަށް އަސަރުކޮށް އެހެނިހެން ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.
ނިދުމަށް އަސަރު ކުރުން
ހައިބަނޑާ ނިދަން އަރައިފި ނަމަ އެތައް ގަޑިއިރެއްވަންދެން ނުނިދި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އޮންނަން ޖެހޭލެއް މަދެއް ނޫނެވެ. ބަނޑުހައިކަމުގެ އިހުސާސަކީ މީހާ ނަފްސާކީ ގޮތުން ވެސް ބަލިކަށި ކޮށްލާ ހަމަ ނިދި ނިދުމަށް ބުރޫ އަރުވާ ކަމެކެވެ.
ބަރުދަން އިތުރުވުން
ގިނަ ބަޔަކު ރޭގަނޑު ނުކަނީ ބަރުދަން ލުއިވޭތޯ އެވެ. ނަަމަވެސް ހަގީގަތުގައި ކަންވަނީ އޭގެ އިދިކޮޅަށެވެ. ރޭގަނޑު ކެއުމަށް ބެލުމަކީ މުހިންމު ކަމެކެވެ. އެއްވެސް ވަރަކަށް ރޭގަނޑު ނުކާ ނަމަ އޭގެ ސަބަބުން ބަރުދަން ލުއިވުމުގެ ބަދަލުގައި ވާނީ އިތުރެވެ.