ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ސަރުކާރުން އިސްތިއުފާ ދެއްވައިފި އެވެ.

ޒުހައިރު އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައި އެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުހައިރު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ ކެމްޕޭނުގައި ހަރަކާތްތެރިވުމުގެ ގޮތުންނެވެ.

ޒުހެއިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. ޝާހް މާހިރު ވެސް މި ހަފްތާގެ ތެރޭގައި ވަނީ މަގާމުން އިސްތިއުފާ ދެއްވައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ އަހްމަދު އާދިލް އާއި އައިޝަތު ރަޝީދު އެވެ.