އިންސާނުންގެ އާއްމު ސިއްހަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ދުނިޔޭގެ ވައި ނުސާފުވުން ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ޗިކާގޯގެ އެނުއަލް އެއާ ޕޮލިއުޝަން ލައިފް އިންޑެކްސްގައި ދުނިޔޭގެ ވައި ނުސާފުވުން 2021 ވަނަ އަހަރު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަ ވެފައިވާއިރު އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ވެސް ނުރައްކާ އޮތް ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ވައި ނުސާފުވުމުގެ ސަބަބުން ފުރާނާއަށް ނުރައްކާވާ ފުއްޕާމޭގެ ބަލިތައް ޖެހުން އިތުރުވެފައިވާ ކަމަށާއި ވައި ނުސާފު ސަރަހައްދުތަކުގައި އިންސާނުންގެ އުމުރު ވެސް ކުރު ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ހަމެއެއާއެކު ވައި ނުސާފުވުމަކީ އިންސާނާގެ ސިކުނޑިއަށް ވެސް އޭގެ އަސަރުކޮށް ވިސްނުމުގެ ބާރު ކޮށިކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ވެސް ދަށްކުރުވާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވައި ނުސާފުވުމަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ސަބަބުތަކުގެ 21 ޕަސެންޓް ހިއްސާވާ ކަމެއް ވެސް ދިރާސާގައި ވަނީ ބުނެފަ އެވެ.

ވައި ނުސާފުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ހަ ގައުމެއް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނެ އެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވަނީ ވައި ނުސާފުވުން އެއްކޮށް ހުއްޓުމަކަށް ގެނެވިއްޖެނަމަ ދުނިޔޭގެ މިހާރުގެ އާބާދީގައި ހިމެނޭ ކޮންމެ އިންސާނެއްގެ އުމުރަށް 2.3 އަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.