އިންޑިއާ އިން ނަގާފައިވާ ދަރަނިތަކަށް ލުއި ލިބޭ ގޮތަށް ހދ. ހަނިމާދު އާއި ލ. ގަމުން ބިންތަކެއް ދޭން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ސިޓީއެއް ދަނީ ދައުރުވަމުންނެވެ.

އިންޑިޔާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ލީކުވެ, ސޯޝަލް މީޑިއާގައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފްގެ ވަސީލަތްތައް އުތުރާއި ދެކުނުގައި ވަރުގަދަ ކުރުމަށް ދެ ގައުމުގެ މެދުގައި ކުރި މަޝްވަރާތަކަކާ ހަވާލާދީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު، ފޮރިން މިނިސްޓަރު ފޮނުއްވި ކަމަށް ބުނާ އެ ސިޓީގައި ވަނީ ކުރިން އެއްބަސްވެފައިވާ "އަންމޭންޑް އޭރިއަލް ވެހިކަލް" (ޔޫއޭވީ)ގެ އިތުރުން ޖުމްލަ 11 ޔޫއޭވީ 550 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް، އެ އުޅަނދުތައް ވެސް އޮޕަރޭޓުކުރާނީ ގާބިލުކަން ހުރި މިންވަރުން އެމްއެންޑީއެފުން ކަމަށް ސިޓީގައި ބުންޏެވެ.

އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރަން އިންޑިއާ އިން ވަމުންދާ އެހިތެރީކަން ފުޅާކުރުމަށްޓަކައި، ހަނިމާދު އާއި ލ. ގަމުން މަދުވެގެން 15 ހެކްޓަރުގެ ބިން 99 އަހަރަށް އިންޑިއާ ސަރުކާރަށް ދޭން އެއްބަސްވެފައިވާ ކަމަށް ސިޓީއާ ހަވާލާދީފައި ވެ އެވެ. އޭގެ ބަދަލެއްގެ ގޮތުގައި މިހާރު އިންޑިއާ އިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްތައް 1.94 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކޮށްދޭން އިންޑިއާ ސަރުކާރުން އެއްބަސްވާ ކަމަށް ބުނެފައި ވެ އެވެ.

އަލަށް ވާ އެއްބަސްވުމުގެ ދަށުން، އެ ސިޓީގައި ބުނެފައިވާ ގޮތުން ނަމަ ދިވެހި ސަރުކާރުގެ ސަވަރިން ޑެޓް މާފުކޮށްދޭނެ އެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުގެ ދަރަނީގެ ހާލަތަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް ސިޓީގައި ބުންޏެވެ.

މި ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާ އިން ފޮނުވި ކަމަށް ބުނާ އެ ސިޓީ ލީކުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފެށުމާއެކު އެއީ ސައްހަ ސިޓީއެއް ނޫން ކަމަށް ބުނެ ސަރުކާރާއި އިންޑިއާ ހައިކޮމިޝަނުން ވަނީ އެލާޓަށް އައިސް އެ ސިޓީގައި ހިމެނޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ބޭރު ގައުމެއްގެ ލީޑަރެއްގެ ނަމުގައި ހަދާފައިވާ ސިޓީއެއް އާންމުވަމުންދާކަން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ހަބަރު ނޫހެއްގައި މިހާރު ޖަހާފައިވާ ކަމަށާއި އެއީ ހަދާފައިވާ ސިޓީއެއް ކަމަށެވެ.

"މިއީ ފޯޖުކޮށްފައެއް އޮތް ސިޓީއެއް. އަދި އޭގައި ލިޔެފައިވާ އޮތް އިބާރާތްތަކަކީ ވެސް ސައްހަ އެއްޗެއް ނޫން،" އެ ޓްވީޓުގައި ބުންޏެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އިންޑިޔާ ސަރުކާރާ "ނުރައްކާތެރި" އެއްބަސްވުމެއް ވާން އުޅޭ ކަމަށް ބުނެ، އެ ސިޓީ އާ ހަވާލާދީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއީ ފޭކު އެއްޗެއް ކަމަށް ސަރުކާރުން ބުންޏަސް، އެ ސިޓީގެ ސައްހަކަން އިދިކޮޅަށް ކަށަވަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.