ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ މަޝްވަރާތައް ޕާޓީތަކުން ކުރަމުންދާ ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުއްލި ގޮތަކަށް އިންޑިއާގެ ސަފީރު މަނޫ މަހާވަރާ މިރޭ ކުއްލި ގޮތަކަށް ބައްދަލު ކުރައްވައިފި އެވެ.

ސަފީރު ދިރިއުޅުއްވާ ހުޅުމާލޭގެ އަމިން އެވެނިއުގައި ގަޑިއެއްހާ އިރަށް ބޭއްވި ބައްދަލުވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާ އެމަނިކުފާން އަބަދުވެސް ބައްދަލު ކުރައްވާ ކަމަށެވެ. އަދި އިންޑިއާ ސަފީއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވި އެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ސުވާލު ކުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަދި ޕީއެންދސީއާ އެކު ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާން ނިންމަވާނީ ރަނގަޅަށް ކަމަށާއި ކަންބޮޑުވެވަޑައިނުގަތުމަށް އެދިވަޑައިގެންފި އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ނަޝީދުގެ ތާއީދާ އެކު ވާދަކުރެއްވި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ކިންގްމޭކަރެއްގެ ގޮތުގައި ޑިމޮކްރެޓްސްގެ ބޭނުން އެމްޑީޕީ އަދި ޕީއެންސީ އަށް ވެސް ބޮޑެވެ. ޚާއްސަކޮށް އެމްޑީޕީން މިހާރު ދަނީ އެ ޕާޓީން ވަކިވި ނަޝީދުގެ ފެކްޝަނުގެ ތާއީދު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މަސައްކަތުގެ ދަށުން، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ދުރުކުރުމަށް މިދިޔަ ޖުން މަހު އެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ވަނީ، އަނބުރާ ގެންގޮސްފަ އެވެ.

މި ސަރުކާރުން ދަނީ އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އަދި ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ވެސް މަސައްކަތްކުރީ އިންޑިއާއާ އެހާ ގާތްކޮށެވެ.