ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ގަހަނާ ބްރޭންޑަކަށް އިންވެސްޓްކޮށްފި އެވެ.

ޕަރިނީތީ އިންވެސްޓްކޮށްފައި ވަނީ އިންޑިއާގައި އަލަށް ތައާރަފުކުރި ގަހަނާ ބްރޭންޑެއް ކަމަށްވާ "ތުރިޓިޔާ ފައިން ޖުވެލަރީ" އަށެވެ. މިމަހުގެ އަށްވަނަ ދުވަހު ލޯންޗްކުރި މިބްރޭންޑްގެ ވެރިއަކީ ޒުވާން ވިޔަފާރިވެރިޔާ ކާންތީ ދަތެވެ. އަދި އޭގެ ފުރަތަމަ އައުޓްލެޓް ހުޅުވާފައި ވަނީ ހައިދަރުއާބާދުގެ ޖުބިލީ ހިލްސްގަ އެވެ.

މި އިންވެސްޓްމަންޓާ ބެހޭ ގޮތުން ޕަރިނީތީ ބުނެފައިވަނީ "ތުރިޓިޔާ ފައިން ޖުވެލަރީ" އަށް އިންވެސްޓްކުރުމަކީ ހަމައެކަނި ވިޔަފާރީގެ ޕާޓްނަޝިޕެއް ނޫން ކަމަށެވެ. އެއީ އިންޑިއާގެ އާދަކާދަ އާއި ސަގާފަތް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ބްރޭންޑަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

"ތުރިޓިޔާ ފައިން ޖުވެލަރީ" އިޝްތިހާރު ކުރުމުގައި ޕަރިނީތީ ވަރަށް އިސް ރޯލެއް އަދާކުރާނެ އެވެ.

އުމުރުން 34 އަހަރުގެ ބަތަލާ ޕަރިނީތީ އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. އެގޮތުން އޭނާ ކައިވެނި ކުރަނީ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާ އެވެ. އެމީހުންގެ ކައިވެނި ހަފްލާ އޮތީ އަންނަ މަހުގެ 25 ގައި ބޭއްވުމަށް ނިންމާފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި، އެ ދެ މީހުންގެ ކައިވެނި ހަފުލާ ބާއްވަނީ ރާޖިސްތާނުގައި ހުންނަ ތާރީހީ ބިނާއެއް ކަމަށްވާ އުމައިދު ބަވަންގަ އެވެ. އެއީ ޕަރިނީތީއާ ދެބެންގެދެދަރި، ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނި ހަފުލާ ވެސް ބޭއްވި ތަނެވެ.

އެ މީހުންގެ ކައިވެނީގެ ސަންގީތު އާއި މެހެންދީގެ ހަފުލާ ވެސް އޮންނަނީ އަންނަ މަހުގެ 23،24 ގައި ރާޖިސްތާނުގަ އެވެ. ކައިވެންޏަށް ފަހު، ގުރުގާމްގައި އެ މީހުންގެ އާއިލާ އާއި ރައްޓެހިންނަށް ކައިވެނި ޕާޓީއެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.