ކަރީނާ ކަޕޫރު ޚާންއަކީ 2000 ވަނަ އަހަރު އޭނާގެ ފިލްމީ ހަޔާތް ފެށުނީއްސުރެ ތަފާތު ކަންކަން ތަޖުރިބާ ކުރަމުން އަންނަ ފަންނާނެކެވެ. އެގޮތުން ވަރަށް ފަހުން އޯޓީޓީ ޕްލެޓްފޯމަށް އޭނާ ނުކުމެފައިވާއިރު ގިނަ ބަޔަކު އަންނަނީ ހޮލީވުޑަށް އޭނާ ނުކުންނާނެތޯ ސުވާލު ކުރަމުންނެވެ.

މި ސުވާލަށް ޖަވާބު ދެމުން އިންޓަވިއުއެއްގައި ކަރީނާ ބުނީ ހޮލީވުޑަށް ނުކުންނަން ކެތްމަދުނުވާ ކަމަށާއި ދެ ދަރިންގެ މަންމައަކަށް ވުމުން އިތުރު ކަންކަމަށް ވަގުތު ނުވާ ކަމަށެވެ.

"ދަރިންނަށް ވަގުތު ދިނުމުގެ އިތުރުން ވެސް މިކޮޅުގައި (ބޮލީވުޑްގައި) ވެސް އަހަރެންގެ ގިނަ މަސައްކަތްތަކެއް އެބަހުރި" ކަރީނާ ބުންޏެވެ.

އޯޓީޓީ ޕްލެޓްފޯމްގައި އޭނާ ފެނިގެންދާ "ޖާނެ ޖާން"އާ ބެހޭ ގޮތުން ކަރީނާ ބުނީ އެ އުފެއްދުމުގައި ވެސް ކުޅެން ޖެހެނީ މަންމައެއްގެ ރޯލު ކަމަށާއި ހަގީގީ ދިރިއުޅުމުގައި މަންމައަކަށް ވުމުން އެ ބައި ކުޅެން ފަސޭހަވާ ކަމަށެވެ.

ފިލްމީ ދާއިރާގައި 23 އަހަރު ކަރީނާ މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ މިހާތަނަށް ވެސް ކާމިޔާބު އެތައް ފިލްމެއްގައި ހިއްސާވެފަ އެވެ.