އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޭސް އެއް ތަރައްގީ ކުރާކަމަށް ބުނެ ދިވެހި ސިފައިންގެ އަގުވައްޓާލުމަށް ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރަމުންޑާ ކަމަށާއި އުތުރު ތިލަފަޅަކީ ދިވެހީންގެ ފުރިހަމަ ބާރުވެރިކަން އޮތް ތަނެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިފައިންގެ އަގުވައްޓާލުމަށް ހަގީގަތެއް ނެތް ޕްރޮޕެގެންޑާ ފަތުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން އުތުރުތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ހަދާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ އުތުރުތިލަފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަމުންދާ އެކަތަ ބަނދަރަކީ ކޯސްޓުގާޑުގެ ބޭނުމަށް ތަރައްގީކުރާ ބަނދަރެއް ކަމަށެވެ. އެއީ ކޯސްޓުގާޑުގެ އުޅަނދުތައް މަރަމާތު ކުރުމަށާއި ޑޯކް ކުރުމަށް ހަދާ ބަންދަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
އުތުރުތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޮޑު މަޝްރޫއެއް ހިންގަން އިންޑިއާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކުރީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު 2013 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ތަދުރުފުޅުގައި ކަމަށް އެބަޔާނުގައިވެ އެވެ.
އެދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށް ރައީސް ޔާމިން ސަރުކާރުގެ ތަސައްވަރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް މިސަރުކާރުން 2019 ވަނައަހަރު ވަނީ ކޯސްޓުގާޑު އުޅަނދުފަހަރު އެރުމަށާއި މަރާމާތު ކުރުމަށް ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ހަމަޖައްސާފައިކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އުތުރު ތިލަފަޅަކީ ދިވެހީންގެ ފުރިހަމަ ބާރު ހިނގާ ދިވެހީންގެ މިލްކިއްޔާތެއް ކަމަށެވެ. އެތަނުގައި އިންޑިއާ ސިފައިންގެ އަސްކަރީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމުގެ ޔަގީންކަން ދޭ ކަމާށް އެ މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް އޭރު އިންޑިއާގައި ހުންނެވި ދިވެހި ހައިކޮމިޝަނަރު އަހުމަދު މުހައްމަދު އެކްސްގައި ވިދާޅުވީ ޑިފެންސް މިނިސްޓްރީން ދެއްކި ވާހަކައަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށެވެ.
"އިންޑިއާ އިން ހުށަހަޅާފައިވާ ގޮތަށް އުތުރު ތިލަފަޅުގެ އެކްސްކުލޫސިވް ރައިޓްސް އެގައުމަށް ދެވެން ނެތް ކަމަށް ރައީސް ޔާމީންގެ ސަރުކާރުން، ޖެނުއަރީ 2018 ގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް އަންގާފައިވާނެ. އެއަށްފަހު ޔާމީން ސަރުކާރު ނިމުނުއިރުވެސް އިތުރު އެހެން މަޝްވަރާއެއް ކޮށްފައެއް ނުވާނެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނަށް ރައްދުދެއްވައި އޭނާ ވިދާޅުވި އެވެ.