މިހާރު ގިނަ މީހުންނަކީ ފަލަބަލީގެ ޝިކާރައަކަށްވެފައިވާ ބައެއްކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެކަމުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތްކުރާ މީހުންވެސް މަދެއް ނޫނެވެ. އަދި މިކަމެއް ނުވާނޭ ހިތައި އުއްމީދު ކަނޑާލައިގެން ތިބި މީހުން ވެސް ބައިވަރު އެބަ ތިއްބެވެ
ނަމަވެސް ސިއްހަތާ ދޭތެރޭގައި ވިސްނާލައި ހިތްވަރާއެކު ތެދުވެ ބަނޑުގައި ޖަހާފައި ހުރި ލޮކި މަސްތައް ދުއްވާލަން ވަރުގަދަ އަޒުމެއް ކަނޑައެޅުމަކީ ސިއްހަތަށްޓަކައި އެޅޭ ވަރަށް މުހިއަމު ފިޔަވަޅެކެވެ. ބަނޑުގައި މަސްޖަހާފައި ހުރުމަކީ ޓައިޕް-2 ޑައެބެޓީސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަކަށް ދިރާސާތަކުން ދައްކަ އެވެ.
ހަށިގަނޑުގެ ސަރުބީ މަދުވާނީ ހަށިގަނޑަށް އެތެރެވާ ކެލޮރީ އަށްވުރެ އަންދާ ކެލޮރީ އިތުރު ކުރެވިގެންނެވެ. ލުނބޯ ޖޫހުން ކެލޮރީ އަންދަނީއެއް ނޫނެވެ. އެކަމަކު ކެލަރީ އެތެރެވާ މިންވަރު މަދުކުރުމަށް އެހީވެދެނީ އެވެ. ލުނބޮއެއް ހަތަރު ފަޅިއަށް ފަޅާލާފައި އޮންނަ އިރު އެއިން ކޮންމެ ފަޅިއެއް އެއީ އެންމެ ކެލަރީއެކެވެ. އެހެންވެ ލުނބޯ ޖޫހަކީ އެހެން ޖޫސްތަކަށް ވުރެ ކެލޮރީ އެތައް ގުނައެއް މަދު އެއްޗަކަށްވުމުން ކެލޮރީ ދަށްކުރުމަށް އެހެން ޖޫސްތަކަށް ވުރެ ރަނގަޅު ޖޫހެކެވެ.
އޭގެ އިތުރުން ބަނޑުގައި ގޭސް އުފެދުން ލުނބޯ ޖޫހުން ކުޑަކޮށްދެ އެވެ. އެއާ އެކު މިއީ ކުޑަކަމު ދިއުން އަވަސްކުރުވާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. އަދި ހަމަ ބޮޑުކަމު ދެވޭވަރު ވެސް އިތުރުވެ އެވެ. އެހެންކަމުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްލުމަށް ލުނބޯ ޖޫސް އެހީތެރިވެދެ އެވެ. ނަމަވެސް ލުނބޯ ޖޫސް ބޭނުންކުރުމުން މި ދެ ގޮތުން ހަށިގަނޑުން ގިނަ އަދަދެއްގެ ފެން ބޭރުވެގެން ދާތީވެ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.
ލުނބޯއަކީ ވިޓަމިން ސީއިން މުއްސަނދިވެފައިވާ މޭވާއެކެވެ. ވިޓަމިން ސީއަކީ ހަށިގަނޑުގައި ސަރުބީ އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ.
ޖާނަލް އޮފް ދި އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ހަށިގަނޑުގައި ވިޓަމިން ސީ ހުންނަން ޖެހޭ ވަރަށް ހުންނަ މީހުން ކަސްރަތުކުރުމުން ސަރުބީ އަންދާ މިންވަރު ވިޓަމިން ސީ މަދު މީހުންނަށް ވުރެ 30 ޕަސެންޓް އިތުރުވާ ކަމަށެވެ.
ލުނބޯއަކީ ޕެކްޓިން ކިޔާ ފައިބައެއް ވެސް ގިނަ މޭވާއެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ހަކުރުގެ ބައި މައްޗަށް ދިއުން ލަސްކުރުވާ މާއްދާ އެކެވެ. އެހެންވެ ވިޓަމިން ސީ އާއި ޕެކްޓިންއަކީ ވެސް ހިކެން ބޭނުންވާ މީހަކަށް ރަނގަޅު ދެ މާއްދާ އެވެ.
ހަށިގަނޑުގައި ހުންނަ ބޭކާރު ލޮކިމަސް ދުއްވާލުމަށް ލުނބޯ ބޭނުންކުރުމާއެކު ހަށިގަނޑަށް ރަނގަޅު ކާނާ އެކުލެވިގެންވާ ޑައިޓެއްގެ އިތުރުން ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރުން ވަރަށް މުހިއްމުވާނެ އެވެ.