ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭ މަތިވެރި ޚިދުމަތަކަށް ވާއިރު އެއީ ސިއްހީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އެހެން ކަމުން ދެން ލޭ ހަދިޔާ ކުރަން ފަސްޖެހުމުގެ ކުރިން އެކަމުން ލިބޭ ފައިދާތަކާ މެދު ފިކުރު ކޮށްލާށެވެ.

ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ

ހަށިގަނޑުގައި ދަގަނޑުގެ ބައި ގިނަވުމަކީ ހާޓްއެޓޭކް އާއި ސްޓްރޯކް ފަދަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑުގެ ބައި ހިފެހެއްޓުމަށްޓަކައި ކޮންމެ ތިން މަހަކުން އެއްފަހަރު ލޭ ހަދިޔާކުރުން އެދެވިގެންވެ އެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ

ލޭ ހަދިޔާ ކުރުމުން ކެންސަރު ބަލިން ދުރުކޮށްދެނީ ކީއްވެގެން ހޯދިފައި ނުވި ނަމަވެސް، ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން ލޭ ހަދިޔާ ކުރާ މީހުންނަށް ކެންސަރު ޖެހޭ މިންވަރު ނިސްބަތުން މަދެވެ.

އުމުރު ދިގު ކޮށްދޭ

ގަވާއިދުން ލޭ ހަދިޔާ ކުރުމަކީ އެތެރެ ހަށީގެ ގުނަވަންތަކުގެ ހިނގުން ރަނގަޅު ކޮށްދޭ ކަމަކަށް ވާއިރު މިއީ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ އެފަދަ ބަލިތަކުން ފުރާނައަށް ނުރައްކާވާ މިންވަރު ދަށް ކުރުވާ ކަމެކެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

ލޭ ހަދިޔާ ކުރާ ކޮންމެ ފަހަރަކީ ހަށިގަނޑުގަ ބްލަޑް ސެލްތެއް ސާފުކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ ކަމެކެވެ. ނަތީޖާއަކަށް ވަނީ ބަލިތަކުން ދުރުވެ އާއްމު ސިއްހަތު ރަނގަޅު ވުމެވެ.

ބަރުދަން ލުއި ކުރުމަށް އެހީވެދޭ

ލޭ ހަދިޔާ ކުރުމުން ބަރުދަން އިތުރުވާނެ ކަމަށް ދެކެވޭ ވާހަކައަކީ އަހަރުމެންގެ މެދުގައި ވަރަށް އާއްމުކޮށް ދެކެވޭ ވާހަކަ އެކެވެ. ނަމަވެސް ހަގީގަތަކީ ލޭ ހަދިޔާ ކުރުމަކީ އެއްގަޑިއިރު ކަސްރަތު ކުރުމާ އެއްވަރަށް ކެލޮރީސް ވިރުވައިދޭ ކަމެއް ކަމެވެ.