ހުއްދައަކާނުލާ އަނިލް ކަޕޫރުގެ ނަމާއި ޝަހުސީ ސިފަތަކުގެ އިތުރުން ފިލްމީ މަސައްކަތްތައް އެއްވެސް ހާލެއްގައި ބޭނުން ކުރުން އިންޑިއާގެ ކޯޓެކުން މަނާކޮށްފި އެވެ.

ދިއްލީ ހައިކޯޓުން މި ހުކުމް ކޮށްފައި މިވަނީ ވިޔަފާރިތަކުގެ އިސްތިހާރުތަކުގައި އަނިލްގެ ނަމާއި އޭނާގެ މަޝްހޫރު ޑައިލޮގް "ޖަކާސް" އެއްވެސް ހުއްދައެއް ނެތި ބޭނުން ކުރަމުން ދާތީ އަނިލް ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ ހުކުމުގައި ބުނެފައިވަނީ ކޮންމެ ފަަންނާނެއްގެ ވެސް އަމިއްލަ މަސައްކަތްތަކާއި ޝަހްސީ ސިފަތައް ރައްކާތެރި ކުރުމުގެ ހައްގު އެ ފަންނާނަކަށް ލިބިގެންވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަނިލް ބުނީ އޭނާއަށް މިކަން އެހާ މުހިއްމުވަނީ އޭނާގެ މިންނެތް މަސައްކަތުން ހޯދާފައިވާ ކާމިޔާބީ ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ އޭނާއަށް ކުރެވޭ ބޭއިންސާފަކަށް ވާތީ ކަމަށެވެ.

އަނިލްއަކީ ފިލްމުތަކުގައި އޭނާ ގެންގުޅޭ ތަފާތު ސްޓައިލްއާއި އުކުޅު ތަކަށްޓަކަައި ގިނަ ބައެއްގެ ލޯތްބާއި މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

އޭނާގެ "ޖަކާސް" ޑައިލޮގަކީ ފިލްމު "ޔުދް" ގައި ބޭނުންކުރި ޑައިލޮގެކެވެ. އޭރުއްސުރެ އެ ޑައިލޮގްވަނީ އާއްމުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ.

މީގެ ކުރިން އަމީތާބް ބައްޗަން ފަދަ ތަރިން ވެސް ވަނީ ޝަހްސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ކޯޓަށް މައްސަލަ ހުށައަޅައި ގާނޫނީ އެހީ ހޯދާފަ އެވެ.