މިހާރު އިންޑިއާގެ މީޑިއާގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ބޮލީވުޑް ތަރި ޕަރިނީތީ ޗޯޕްރާއާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވް ޗައްދާގެ ކައިވެނީގެ ވާހަކަ އެވެ.

އެ ދެމީހުންގެ ކައިވެނީގެ ކުރިން ބާއްވާ ހަފްލާތައް ފެށިގެން ކުރިއަށްދާއިރު ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ރާޖަސްތާންގެ އުދައިޕުރުގައި އޮންނަ އެ ކައިވެނި ތާވަލް ކުރެވިފައިވަނީ މާދަމާއަށް ކަމަށް ހަބަރުތައް ބުނެ އެވެ. ކައިވެންޏަށްޓަކައި އުދައިޕުރުގެ ޖާގެއެއް ވަނީ ޖަރީ ކުރެވިފަ އެވެ.

ދެފަރާތުގެ އާއިލާއިން ވެސް އުދައިޕުރަށް އައިސްފައިވާއިރު އެތެރޭގެ ބައެއް މައުލޫމާތުތައް ވަނީ މީޑިއާއަށް ލީކުވެފަ އެވެ. އެގޮތުން ކައިވެނީގައި ޕަރިނީތީ ލާ ހެދުމާ ބެހޭ މައުލޫމާތުތައް ނޫސްތަކުގައި ދަނީ ދައުރުވަމުންނެވެ.

ޕަރިނީތީއާއި ރާގަވް ކައިވެނި ކުރަނީ ގިނަ ދުވަސްތަކެއް ރައްޓެހިވެގެން އުޅުމަށްފަހު އެވެ. އެގުޅުމާ ބެހޭ ގޮތުން ރާގަވް ބުނެފައިވަނީ އެއީ "ޖާދުވީ" ގުޅުމެއް ކަމަށެވެ.

ކައިވެންޏަށްފަހު ޕަރިނީތީ އޭނާގެ ފިލްމީ މަސައްކަތްތަކާ ދުރުވެލާނެ ކަމަށާއި އަލުން މަސައްކަތްތައް ފަށާނީ ކުޑަ ދުވަސްކޮޅަކަށް ފަހު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.