އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ދޮގު ވާހަކަ ނުފެތުރުމަށާއި އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަށް އިންޑިއާ ހައި ކޮމިޝަނުން ގޮވާލައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމުގެ މަގްސަދުގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ކެމްޕެއިނެއް ހިންގަމުން ގެންދާ ކަމަށެވެ.
މިއީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ހައި ކޮމިޝަނުން ބުނެފައިވެ އެވެ.
ހައި ކޮމިޝަނުން ބުނީ އިންޑިއާ އިން ގެންގުޅޭ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެ އަށް ހާއްސަ ކަމެއް ދީފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ، އިންޑިއާއާ ބެހޭ ގޮތުން ފޭކް ރިޕޯޓްތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާ އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށެވެ.
ދޮގު ހަބަރު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެކަން ބަލައި ތަހުގީގު ކުރަން އިންޑިއާ އިން ވަނީ ރާއްޖޭގެ ސަރުކާރަށް ގޮވާލައިފަ އެވެ.
އެ ގައުމުން ބަޔާނެއް ނެރެފައި މި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެ ތުހުމަތުތައް އިންޑިއާ އަދި ދިވެހި ސަރުކާރުން ވެސް ދޮގުކުރެ އެވެ.