މާލޭގައި 20 އަހަރު އުޅެފައިވާ މީހުންނަށް ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާގޮތުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން 4،000 ހާހަށްވުރެ ގިނަ ބަންޑާރަ ގޯތި އުތުރުތިލަފަޅުން ދޫކުރަން ވަނީ ނިންމާފައެވެ. އަދި 8،000 ފުލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުވާލައިފަ އެވެ.

އެ އިއުލާނުގައި ވަނީ ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، މާދަމާއިން ފެށިގެން އަންނަ މަހުގެ 24 ވާ އަންގާރަ ދުވަހުގެ 3:00 ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޯހިޔާހަވިކަން ލިބޭނެ ގޮތެއް ނެތުމުން އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މިއީ ރައީސް ވިދާޅުވީ ހައްލު ގެނެސްދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު: ގިރާވަރު އުތުރުފަޅު (އުތުރު ތިލަފަޅު)

  • ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން: މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން.

ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ ތިރީގައިވާ އުސޫލުން

  1. އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓު.
  2. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ.
  3. 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓު.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 18 އަހަރު ފުރިފައިވުން.
  3. "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުން.
  4. މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން.
  5. މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  6. މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން.

7. ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ، އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން.

ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނޫފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި، ދޫކޮށްލުމަށް އެއްބަސްވުން.

ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލާފައިވާތާ ނުވަތަ ވިއްކައިލައިފައިވާތާ 5 އަހަރު ދުވަހަށް ވުރެ ގިނަދުވަސް ވެފައިވުން.