ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި، ސައޫދީ އަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަންނަ ނޮވެމްބަރު 17ގައި ދައުރު ހަމަވާ ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 93ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ހަވީރު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލް އަޒީޒް އާލް ސައުދާއި ސަޢޫދީ އަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދިވެހިރާއްޖެއާ ސައޫދީ ޢަރަބިއްޔާއަކީ، ދީނީގޮތުންނާއި ޘަޤާފީގޮތުން އަދި ތާރީހީ ގޮތުން ވެސް ގާތްގުޅުންތަކެއް އޮތް ދެ ގައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޙިޖާޒުކަރަ އާއި ނަޖުދުކަރަ އެކުވެ، ކިންގްޑަމް އޮފް ސައޫދީ އަރަބިއްޔާ އުފެދިގެން އައިގޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. އަދި ފާއިތުވި ތަނުގައި، ސައޫދީ އަރަބިއްޔާއަށް އައިސްފައިވާ ބަދަލުތަކާއި، އުމްރާނީ ތަރައްގީއާއި އިގްތިސާދާއި ތައުލީމާއި ސިއްހަތާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތައުރީފްކުރެއްވި އެވެ.

ރާއްޖެއާ ސައޫދީ އަރަބިއްޔާގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާތަނަށް ދެގައުމުގެ ގުޅުންތައް ބަދަހިވެ ކުރިއަރައިގެން ގޮސްފައި ވަނީ، ދެގައުމުގެ އިސްވެރިން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން، ދިވެހިންނަށް އީ-ވިސާ އަދި އޮން އެރައިވަލް ވިސާ ދިނުމަށް މިއަހަރު ސައޫދީ ސަރުކާރުން ނިންމި ނިންމުމަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައީސް ސޯލިހުގެ ޒައާމަތުގައި، ސައޫދީ އަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ވަނީ ދެއްވާފަ އެވެ.

ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާޗު 17، 1981 ގަ އެވެ.