އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރޭޓްސް އިން ނިންމާފައި އޮތް ގޮތަށް، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ކަމަށެވެ. އެކަމަކު، ކަން ދިމާކުރި ގޮތުން އިލްޔާސް އަށް ކާމިޔާބުވާ ގޮތް ނުވީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްޔާސް އަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާ ދިޔައީ ތިން ވަނައަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ފަހަތަށް ޖައްސާލުމަށް ފަހު، އިލްޔާސް އެ ހޯއްދެވި ކާމިޔާބީ އާ ގުޅިގެން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އަދި އިލްޔާސް އަށް އެއީ ރަނގަޅު ކާމިޔާބީއެއް ގޮތުގައި ބައެއް މީހުން ސިފަކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ނިންމައިފަ އެވެ.
ނަޝީދު ވެސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އެހެންވީމަ، އެ ޕާޓީން ނިންމާފައިވާ ގޮތަށް މީހަކަށް ތާއީދު ކުރަން ގަސްދެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ބޭރުގެ ގައުމުތައް މީގެތެރެއަށް ވެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ ގައުމުތައް މީގެ ތެރެއަށް ނުވެއްދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި މި ބާއްވަނީ ދިވެހިންގެ އިންތިހާބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދެވަނަ ބުރުގައި އޮތީ ދެ ނަން ކަން ފާހަގަ ކުރައްވައި އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވަފާނަންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރެއްވީ އިލްޔާސް އަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތާއީދު ކުރައްވާނީ އިލްޔާސް އަށް ކަމަށެވެ.
އަދި މި ރިޔާސީ އިންތިހާބުގައި އިލްޔާސް ފިޔަވައި އިތުރު ބޭފުޅަކަށް ތާއީދު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީން ވަނީ ގޮތެއް ނިންމާފައި. އަޅުގަނޑު ތާއީދު ކުރީ އިލްޔާސް ލަބީބަށް. އަދިވެސް އަޅުގަނޑު ތާއީދު ކުރަނީ އިލްޔާސް ލަބީބަށް. ދެވަނަ ބުރުގައި އިލްޔާސް ލަބީބްގެ ނަން ކޮންމެވެސް ސަބަބަކާ ހުރެ އޮތް ނަމަ އަނެއްކާ ވެސް އަޅުގަނޑު އިލްޔާސް ލަބީބަށް ވޯޓު ދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ތިޔާ ވައްތަރު ބަރުލަމާނީ ނިޒާމެއް ބޭނުމެއް ނުވާނެ އެއް އުރައެއްގެ ތެރޭގައި ދެކަނޑިއަކަށް ނޯވެވޭނެއޭ ލަންކާ ބަނގުރޫޓްވީ ތިޔާ ނިޒާމް ލަންކާ ގައި އޮތްވައޭ ރައްޔިތުން ވަނީ ފަގީރު މަޖްލީހުގެ މެމްބަރުން ވަނީ މުއްސަނދި ރާއްޖޭގައި މިހާރު މިއޮތް ވެރިކަން ކުރާ ނިޒާމް ފޮތިފޮތި ކޮށްފައި މަޖްލީހަށް ދޭން ނުޖެހޭނެއޭ މަޖްލީސް އުވާލަންވީއޭ ގާނޫނު ހަދާނީ ސަރުކާރުން ގާނޫނު ފާސްވާނީ ރައްޔިތުންގެ ވޯޓަކުން ވޯޓްލާ މީހުންގެ %80 އަށް ވުރެން މަތިން ވޯޓް ލިބިގެންނޭ