މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޓަކައި މިސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމުގެ ދަށުން އުތުރު ތިލަފަޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓެއް ސަރުކާރުން އާންމުކޮށްފި އެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދެ ވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވަނީ އުތުރު ތިލަފަޅު ބިން ހިއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް އާންމުކުރައްވާފަ އެވެ.

މިކުރެހުމުގައިވާ ގޮތުން އުތުރު ތިލަފަޅުން 215 ހެކްޓަރުންގެ ބިން ހިއްކާއިރު އެ ފަޅުގައި ހަދަމުން އެމްއެންޑީއެފްގެ އަސްކަރީ ބަނދަރު "ސިފަވަރު" އޮންނަނީ މީހުން ދިރިއުޅެން ދޫކުރާ ބިމާއި ވަކިކޮށްލާފަ އެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ފްލެޓް ދިނުމަށް ނިންމާ މި ސްކީމު ހުޅުވާލީ ރޭގެ ވަގުތެއްގައެވެ.

ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗާއި، މާލެ ސަރަހައްދުން 8،000 ފްލެޓް ދޫކުރުމަށެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް ހުޅުމާލެ، ގުޅިފަޅުން މިހާރު ދަނީ ގޯތިތައް ހަވާލުކުރަމުންނެވެ. އަންނަ ހަފްތާގެ ތެރޭގައި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.