ބޮލީވުޑް ތަރި ޕަރިނީތީ ޗޯޕްރާއާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވް ޗައްދާގެ ކައިވެނިކޮށްފި އެވެ.
މި އަހަރުގެ މެއި މަހުގެ 13 ގައި އެންގޭޖްވި މި ދެ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ އުދެއިޕޫގައި ހުންނަ ލަގްޒަރީ ހޮޓަލެއް ކަމުގައިވާ ލީލާ ޕެލެސްގައި އެވެ. މިހަފުލާގައި އިންޑިއާގެ ސިޔާސީ ބައެއް ބޭފުޅުންނާއި ބޮލީވުޑްގެ ފަންނާނުން ބައިވެރިވި އެވެ.
އެގޮތުން ކައިވެނީގެ ހަފުލާގައި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް އާއި ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގްވަންތު މާން މި ކައިވެނި ހަފުލާގައި ބައިވެރިވި އެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރާއި މަނީޝް މަލްހޯތުރާ އަދި ދިއާ މިރްޒާ ކަހަލަ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވި އެވެ.
ނަމަވެސް، ޕަރިނީތީއާ ދެބެންގެދެދަރި އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އެ ކައިވެންޏަކަށް ނުދެ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ޕްރިޔަންކާ އެ ކައިވެންޏަށް ނުދިޔައީ މަސައްކަތުގައި އަވަދިނެތި އުޅޭތީ އެވެ.
އެންގޭޖްވުމާ ހަމަޔަށް ވެސް އެމީހުންގެ އޮތް ލޯބީގެ ގުޅުމުގެ ވާހަކަތައް ޕަރިނީތީ އާއި ރާގަވް ނުދައްކަ އެވެ. ދެ މީހުންނަކީ ސްކޫލް ދައުރުއްސުރެ ދެ ރައްޓެހިންނެވެ.
ރަގަވް އަކީ އިންޑިއާގެ ޕަންޖާބުގެ، ރަޖްޔާ ސާބާ ޕާލަމެންޓުގެ އެންމެ ހަގު މެންބަރެވެ. އޭނާ ވަނީ މީގެ ކުރިން ދިއްލީގެ ސިޔާސީ އިސް މަގާމުތައް އަދާކޮށްފަ އެވެ.
ޕަރިނީތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހު ރިލީޒްކުރާ "މިޝަން ރާނީގަންޖު" އެވެ.