ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހެދުމަށް ބާރުއަޅައިދެއްވުމަށް ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ މާލެ އަތޮޅު ގާފަރު ކައުންސިލުގެ 8 ވަނަ ގުރުއާން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކީރިތި ގުރުއާނުން ވެސް ދަސްވާ އެންމެ މުހިންމު އެއް ކަމަކީ ރިވެތި އަޚްލާޤުކަން ފާހަގަކުރައްވާފަ އެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ޅަފަތުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމާއި އަދި ކީރިތި ގުރުއާނުގެ މާނަ ދެނެގަތުމުގެ މުހިންމުކަމާއި ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އަރަބި ބަސް އުނގެނުމުގެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޒަމާނާއެކު އަންނަ ބަދަލުތަކާއި އަދި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޝަމިލުވެ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. ހަމަ އެހެންމެ ސްކޫލު ދައުރު ނިންމާ ނުކުންނަ ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްވެފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ގާފަރު ކައުންސިލުގެ ޤުރުއާން މުބާރާތަކީ ގާފަރު ރައްޔިތުންގެ މެދުގައި، ކީރިތި ޤުރުއާނަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށާއި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި އެރަށު ކައުންސިލުން އިންތިޒާމުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު ބޭއްވި ގާފަރު ކައުންސިލުގެ 8 ވަނަ ޤުރުއާން މުބާރާތް ކުރިޔަށް ގެންދިޔައީ ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެން، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔުމުގެ ގޮފި ހިމެނޭ ގޮތަށެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މުޅި މުބާރާތުން 1 ވަނަ 2ވަނަ އަދި 3 ވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.