އިންތިހާބީ ނާއިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީޕީއެމް ދޫކުރައްވައި، ޕީއެންސީ އަށް ސޮއިކުރައްވައިފައިވާ ކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިހާބީ ނާއިބު ރައީސް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށްފަހު ކަމަށެވެ.

ހަމައެއާއެކު އެމަނިކުފާނު ޕާޓީ ބަދަލުކުރެއްވިކަން މަޖިލީހުގެ އިދާރާއަށް މިހާރު އަންގަވާފައިވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ. އެހެންވެ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޕީއެންސީއާ ގުޅިވަޑައިގަތީ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލްކުރާ ގޮތް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެމްޑީޕީން ކޮމިޓީތަކަށް އައްޔަނުކުރާ މެންބަރުންގެ ނަންތައް ލިބިފައިނުވާތީ ދާއިމީ ކޮމިޓީތައް އެކުލަވައި ނުލެވެ އެވެ. ކޮމެޓީތަކުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުނެވެ.