ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކުރުމުގެ ޕްރޮސީޖާ ކާމިޔާބު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި މި ޕްރޮސީޖާ ކާމިޔާބު ކޮށްފައި ވަނީ ކޮންޑަކްޝަން ސިސްޓަމް ނުވަތަ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުގެ ޕޭސިން ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކޮށްގެންނެވެ.

މި ޕްރޮސީޖަ ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖިސްޓުން ކަމަށްވާ ޑރ. މިގްދާތު ޝަރީފް އަދި ޑރ. އަމިތު އަގަރްވާލް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ޕޭސިން ޕްރޮސީޖާ އަކީ ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމަށް ސީދާ ބާރުފޯރުވައިގެން ހިތުގެ ވިންދު ރެގިއުލޭޓް ކުރުމަށް އާޓިފިޝަލް އިލެކްޓްރިކަލް ސްޓިމިއުލޭޝަން ބޭނުންކުރުމެވެ.

ކޮންޑަކްޝަން ސިސްޓަމް ޕޭސިންގް ޕްރޮސީޖާގައި ހިތުގެ ސިގްނަލް ފޮނުވައިދޭ ނިޒާމުތެރޭގައި ޚާއްސަ ލީޑްތަކެއް ބަހައްޓާފައިވާ ކާޑިއަކް ޕޭސްމޭކާތަކެއް ހިމެނެ އެވެ. މި ޕޭސިން ޑިވައިސްތަކުން ހިތުގެ މަސްގަނޑު ސްޓިމިއުލޭޓް ކުރުމަށް އިލެކްޓްރިކަލް އިމްޕަލްސްތައް އުފައްދައި، އެކަށީގެންވާ ރޭޓެއްގައި އަދި ރަނގަޅު މިންގަންޑެއްގައި ހިތުގެ ވިންދު ބެލެހެއްޓޭކަން ކަށަވަރުކޮށްދެ އެވެ.

"އެހެންކަމުން މި ޕްރޮސީޖާ އަކީ އާދައިގެ ކާޑިއަކް ކޮންޑަކްޝަން އެކްޓިވޭޓްކޮށް، ކަނާތު އަދި ވާތު ވެންޓްރިކަލްސް ނުވަތަ ހިތުން ލޭ ޕަމްޕްކުރާ ޗެމްބަރުތައް ސިންކްރޮނައިޒްޑް ކޮންޓްރެކްޝަން ފޯރުކޮށްދޭ ފިޒިއޮލޮޖިކަލް ޕޭސިންއެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި އޮޕަރޭޝަނަށް ވަކި ޕްރޮސީޖާއެއް ހޮވުން ބިނާވެފައިވަނީ އެ މެހެމާނެއްގެ ހިތުގެ ހާލަތާއި ހިތުގެ ވިންދު ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އަދި މި ޕްރޮސީޖަރތައް އާންމުކޮށް ކުރިއަށް ގެންދަނީ ހިތުގެ ވިންދު ޑިސްއޯޑާސް މެނޭޖްކުރުމުގެ ތަމްރީނު ލިބިފައިވާ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓުން ނުވަތަ ކާޑިއަކް އިލެކްޓްރޯފިޒިއޮލޮޖިސްޓުންް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޭސިން އޮޕަރޭޝަން ކުރާ މެހެމާނުންނަށް އަފްޓާކެއާ ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ދެވޭ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޑިވައިސް ބެލެހެއްޓުމަށް ވެސް ވަނީ މަގުފަހިކޮށްދީފަ އެވެ.

"މިއީ ގަވާއިދުން ޑިވައިސް ބެލެހެއްޓުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން މެހެމާނުންނަށް ފަސޭހަ ކަމާއެކު މި ކަމަށް މަގުފަހި ކޮއްދިނުމުގެ ބޭނުމުގައި ހޮސްޕިޓަލުން ދެވޭ ހާއްސަ ހިދުމަތެއް. މި ހިދުމަތުގެ ސަބަބުން މެހެމާނުންގެ ބޭނުންތަކަށް އެބޭފުޅަކަށް ހާއްސަ ފަރުވާއެއް ފޯރުކޮއްދެވޭނެ. އެހެންކަމުން ޑިވައިސްގެ ހަރަކާތް ކުރަމުންދާ މިންވަރު ބެލެހެއްޓުމަށް ގަވާއިދުން ފޮލޯއަޕްތަކަށް ހާޒިރުވުމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމު،" އެ ހޮސްޕިޓަލުން ބުންޏެވެ.

އޮޕަރޭޝަން ކުރުމަށްފަހު ދެވޭ ފަރުވާގެ ހިދުމަތަކީ ޓްރީ ޓޮޕް ހޮސްޕިޓަލާއި މެޑްޓްރޮނިކް ޕްރައިވެޓް ލިމިޓެޑުން ގުޅިގެންދެވޭ ހިދުމަތެކެވެ. އެހެންކަމުން އިމްޕްލާންޓް ކޮށްފައިވާ ޕޭސްމޭކާ ޑިވައިސް ބެލެހެއްޓުމަށް އެ ކުންފުނީގެ އަމިއްލަ އިކުއިޕްމަންޓްސް ފޯރުކޮށްދީގެން، އެންމެ ފުރިހަމަ އަދި ފެންވަރު ރަނގަޅު ހިދުމަތް މެހެމާނުންގެ އަމިއްލަ ގައުމުގައި ޑިވައިސް ބެލެހެއްޓުމުގެ މަގު ވަނީ ފަހިކޮއްދީފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

މީގެ އިތުރުން އެކި މެހެމާނުންނަށް އޮޕަރޭޝަން ކުރުމަށްފަހު ދެވޭ ފަރުވާ ބިނާވެފައިވަނީ އިންޕްލާންޓް ކުރާ ޑިވައިސްގެ ބާވަތާއި މެހެމާނުގެ ސިއްހަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބިނާ ކުރުމަށްފަހު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި ޑޮކްޓަރުން ދޭ އިރުޝާދުތަކަށް ސަމާލުކަންދީގެން އިރުޝާދު ތަކާއި އެއްގޮތައް އަމަލުކުރުމުން ޕޭސިން ޑިވައިސް އޮމާންކަމާއިއެކު އެންމެ ފުރިހަމައައް މަސައްކަތް ކުރުމުށް ދެމިހުރުމަށް އެހީތެރިވެދޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އަލަށް ތައާރަފް ކުރެވުނު ފިޒިއޮލޮޖިކަލް ޕޭސިން މޮޑެލިޓީއެއްގެ ގޮތުގައި އުފެދިފައިވާ މި ޕޮޓެންޝަލް އަލްޓަނޭޓިވް އެޕްރޯޗް އަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ފުރަތަމަ ފަހަރަށް ކުރެވުނު މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެވިގެން ދިޔުމަކީ ވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ލިބިގެން ދިޔަ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.