ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި "އިންތިހާބީ ރައީސް އޮފީސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގާއިމު ކުރައްވައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުނު 2023/10 ނަންބަރު ދެންނެވުމުގަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނާ އެއްގޮތަށް، އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ ގޮތަށް ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ، ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އައްޔަންކޮށްފަ އެވެ. އެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ ފަރާތުން ރައީސް ސޯލިހު ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް، ހުސައިން އާމިރެވެ.

އިންތިގާލީ ރައީސްގެ އޮފީސް އުފައްދަވާ، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައިވާ ގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރުމަށް ވަނީ އަންގަވައިފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސް އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަމަންޓް އީ-ލެޓަ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމުގައި ވަނީ ދެންނެވުމުގައި ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީންނާއި، ގާނޫނުތަކުން ރައީސް، މީހުން އައްޔަނުކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސް ސޯލިހު ވަނީ ބާރު އަޅުއްވައިފަ އެވެ.