ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން އަނެއްކާވެސް ފަށާފައިވާތީ އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލަން ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމައިފަ އެވެ. އެބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސް ކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ރައީސް ކަމުން ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖްގައި ނަޝީދު ވިދާޅުވީ އިތުބާރުނެތް ކަމުގެ މައްސަލަ އަލުން ހުށަހެޅުމަކުން މައްސަލައެއް ނެތް ކަމަށެވެ.

"ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުގެ ހިޔާނާތުގެ ހުރިހާ ތުހުމަތެއް ބަލަން ޖެހޭނެ. ހައްގު އަދަބު ލިބެންޖެހޭނެ،" ނަޝީދުގެ މެސެޖުގައި ވިދާޅުވި އެވެ.

ނަޝީދާއި ޑިމޮކްރެޓްސް އިން ވެސް ތުހުމަތުކުރާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން އުޅެނީ މި ސަރުކާރުގެ ހިޔާނާތްތައް ބެލިޔަ ނުދޭށެވެ. އެގޮތުން ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށިކަން އިއުލާން ކުރުމާ އެކު، ޑިމޮކްރެޓްސްގެ މެންބަރުން ވަނީ، މި ސަރުކާރަށް ވައްކަމުގެ ތުހުމަތުކޮށް، އެ މައްސަލަތައް ބެލުމަށް ގޮވާލައިފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީން ބުނީ ނަޝީދުގެ މައްސަލަ ފާސް ވާވަރަށް މެމްބަރުންގެ ސޮއި ހަމަވާނެ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާނީ އެއަދަދަށް ސޮއި ހަމަކޮށްފައި ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

މީގެ ކުރިން ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް ގާނޫނީ ހުއްޖަތުތަކެއް ދައްކަވައި ނަޝީދު ވަނީ އެ ދެ މައްސަލަ ކުރިއަށްގެންދަން ދެކޮޅު ހައްދަވާފަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ވަނީ އެ ދެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ނަޝީދާއި އީވާގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ގާނޫނީ ހުއްޖަތުތައް ދައްކާތީ އެމްޑީޕީން މިފަހަރު ހުށަހަޅަން ގަސްތުކުރަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.