ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުން ވ. ރަކީދޫގައި ދިރިއުޅެމުންދާ ހަތަރު ކުދިން ބާކީވެފައިވާ މައްސަލައެއް ސަރުކާރުގެ ސަމާލުކަމަށް ވ. އަތޮޅު ކައުންސިލުން ގެނެސްފި އެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ސޮއި ކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމް ފޯރުކޮށްދޭންޖެހޭ ސްކޫލަށް ވަނުމަށް އުމުރު ހަމަވެފައިވާ ހަތަރު ކުއްޖަކު ރަކީދޫގައި ތައުލީމު ހޯދުމުގެ އެއްވެސް ފުރުސަތެއްނެތި ދިރިއުޅެމުންދާ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނެފައިވާގޮތުން އެއީ އުމުރުން ހަ އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖަކާއި އަދި 15 އަހަރުގެ ކުދިން ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ އެ ކުދިންނަކީ އެރަށުގެ ސްކޫލު ހުޅުވިފައި ނެތުމުގެ ސަބަބުންނާއި އާއިލާގެ ދިރިއުޅުގެ ހާލަތު ހުރިގޮތުން އެހެން ރަށަކަށް ކުދިންނަށް ކިޔަވައިދުނުމަށް ދިރިއުޅުން ބަދަލުކުރުމަށް އާއިލާއަށް ދަތިވުމުގެ ސަބަބުން ސްކޫލުގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިފައި ނެތް ކުދިންކަމަށެވެ.

ރަކީދޫ ސްކޫލަކީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލު ބަންދުކުރެވިފައިވާ ހުންނަތާ 15 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސްކޫލެއްކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައިވަނީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން "ސެޓެލައިޓް" ސްކޫލު މޮޑެލްއަށް ހިންގުމަށް ކަނޑައެޅި ކުރީގައި ރަށުގައި ހުރި ސްކޫލު މަރާމާތުކޮށް މުޅިން އައު ސްކޫލެއްގެ ގޮތުގައި މަސައްކަތްތައް ފުރިހަމަކޮށް ނިންމާފައިވާކަމަށެވެ.

ނަމަވެސް ސްކޫލުގެ މަސައްކަތް ނިމި މި އަހަރުގެ ދިރާސީ އަހަރު ފެށުނުއިރުވެސް ސްކޫލުގައި ކިޔަވައިދުނުން ފެށިފައިނުވާތީ އެކަމުގެ ހިތްހަމަ ނުޖެހުމާއި އަދި ރަށުގެ އާބާދީ މަދުވުމުން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އެކަމަށް އިސްކަން ނުދޭކަމުގެ ޝުއޫރުތައް މީގެ ކުރިންވެސް ވ. ރަކީދޫ ރައްޔިތުންގެ ފަރާތުން ފާޅުކޮށްފައިވާކަމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިމިވަންކަން ބަޔާންކުރާ މާއްދާގައި "އުނގެނުމުގެ ހައްގު"އަކީ އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްގެ ގޮތުގައި ބަޔާންވެގެންވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ ފަށާ ތައުލީމާއި މެދު މަދަރުސީ ތައުލީމް ދައުލަތުން ހިލޭ ފޯރުކޮށްދޭން ވާނެކަމަށާއި ކުދިންނަށް ފަށާ ތައުލިމާއި މެދުމަދަރުސީ ތައުލީމް ދިނުމަކީ އެކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމް ކަމެއްކަމަށް ބަޔާންވެގެންވާކަމަށާއި އަދި ގާނޫނު އަސާސީއާއި އެއްގޮތަށް އަމަލުކުރުމާއި އަސާސީ ހައްގުތަކުގެ ގޮތުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ބަޔާންވެގެންވާކަމަށެވެ.

އެހެންވެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ "އަސާސީ ހައްގުތަކާއި މިނިވަންކަން" ބަޔާންކުރާ "އުނގެނުމުގެ ހައްގު" އިން ވ. ރަކީދޫ ރައްޔިތުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލިބުން ޔަގީންކޮށްދިނުމަށް ވ. ރަކީދުގެ ސްކޫލުގައި ކިޔަވައިދިނުން ވީ އެންމެ އަވަހަކަށް ފައްޓަވައިދިނުމަށް އެ ކައުންސިލުން ވަނީ ގޮވާލައްވާފަ އެވެ.

އެ ކައުންސިލުން ބުނީ އެ ސްކޫލުގެ ކިޔެވުން ފެއްޓުމަށް ވީ އެންމެ އަވަހަކަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅިގެން އެ އިދާރާގެ ފަރާތުން އެއްވެސް ކަމެއް ހަމަޖައްސައިދެވެން އޮތް ނަމަ އެކަން އެންގުމުން އެކަމެއް އެ އިދާރާއިން ހަމަޖެއްސުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިހާތަނަށް ރަކީދޫ ސްކޫލަށް ވަނުމަށް ހުށަހަޅާފައި ވަނީ ހަތަރު އަހަރު ނުފެރޭ ތިން ކުދިން ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ކުރަނީ ހަތަރު އަހަރުން މަތީގެ ކުދިންނަށް ތައުލީމު ދިނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަތަރު އަހަރުން މަތީގެ ކުދިން ތިބި ނަމަ އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ސްކޫލުގައި ކިޔެވުން ފެއްޓުމަށް ތައްޔާރަށް ތިއްބެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.