އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންތިހާބީ ރައީސް އޮފީހުން ހާމަކޮށްފި އެވެ.
އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށްވާތީ, އެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.
މަޖިލީހުން މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އިންތިހާބީ ރައީސް ފަރާތުން އެދިލައްވާ ކަންކަމަށް އަބަދުވެސް މަޖިލީހުން އެއްބާރުލުން ލިބޭ ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސް އެދިލައްވާފައިވާ ގޮތަށް ޖުމްހޫރީ މައިދާނުގައި އެ ރަސްމިއްޔާތު ބޭއްވުމަށް މަޖިލީހުން މަސައްކަތް ކުރާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނޮވެމްބަރުވާ ހުކުރު ދުވަހު ހަވީރު ގަޑިއެއްގައި މި ދަރުބާރު ކުރިއަށް ގެންދިއުމަށް. އެހެން ނަމަވެސް އަދި މިތިބީ ތަންކޮޅެއް ކުރީ މަރުހަލާއެއްގައި. މޫސުން ފަދަ ކަންކަމަށް ބަލައި ބައެއް ކުދިކުދި ބަދަލުތައް އައުން އެކަށީގެންވޭ " ފިރުޒުލް ވިދާޅުވި އެވެ.
މީގެ ކުރިން އައު ރައީސް ހުވާ ކުރައްވަނީ ނޮވެމްބަރު 11 ގައި އެވެ. ނަމަވެސް 2013 ވަނަ އަހަރު އިންތިހާބު އަލުން ބާއްވަން ޖެހުމާއިއެކު، ހުވާ ކުރުން އެއް ހަފްތާއަށް ފަސް ވެގެން ދިޔަ އެވެ. މިހާރުގެ ރައީސް އިބްރިހިމް މުހައްމަދު ސޯލިހު ވަނީ ޤާނޫނީ އިތުރު ހުރަހެއް ނެތްނަމަ އެ ދުވަސް ކުރިން އޮތް ގޮތަށް 11 ވަނަ ދުވަހަށް ބަދަލު ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.
ނަމަވެސް އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އިތުރަށް އާންމުކޮށްފައި ނުވެ އެވެ.