މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑް ފިލްމް "ޖަވާން"ގެ ކާމިޔާބީއަށްފަހު އެ ފިލްމުގެ ލީޑު އެކްޓްރެސް ނަޔަންތުރާއަށް ބޮލީވުޑްގެ އިތުރު ފިލްމެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އެގޮތުން ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ ފިލްމު "ބައިޖޫ ބާވްރާ"ގެ ރޯލެއް ނަޔަންތަރާއަށް ހުށައެޅިފައިވާ ކަމަށާއި އެ ފުރުސަތު އޭނާ ގަބޫލު ކުރުން ވަރަށް ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައިޖޫ ބާވްރާގެ ލީޑު ރޯލުން ފެނިގެންދާނީ ރަންވީރު ސިންހްއާއި އާލިއާ ބަޓް އެވެ. ނަޔަންތަރާއަށް ހުށައެޅިފައިވަނީ ލީޑް ރޯލެއް ނޫން ނަމަވެސް ވަރަށް މުހިއްމު ރޯލެއް ކަމަށްވެ އެވެ.

ސަންޖޭ ލީލާ ބަންސާލީއާއެކު މަސައްކަތް ކުރުމަކީ ބޮލީވުޑްގެ އެކްޓަރުންގެ ހުވަފެނެކެވެ. އޭނާއަކީ "ދޭވްދާސް"، "ރާމް ލީލާ" އަދި "ބާޖީރާއޯ މަސްތާނީ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ފަރާތެކެވެ.

ޖަވާންއަކީ ދެކުނު އިންޑިއާއަށް ނިސްބަތްވާ ނަޔަންތަރާގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. ޝާހްރުކް ޚާން ވެސް ފެނިގެންދާ އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއާއެކު ނަޔަންތަރާއަށް ބޮލީވުޑްގެ ފުރުސަތުތައް ހުޅުވޭނެ ކަމަށް ކުރިންވެސް ބެލެވުނެވެ.