މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އަންނަ ޖަނަވަރީ މަހުގެ 17ގެ ކުރިން ބާއްވަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމު ބައި-އިލެކްޝަން ބާއްވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވިވަޑައިގަތުމުންނެވެ. އެމަނިކުފާނު ނިންމަވާފައި ވަނީ ރައީސްކަމުގެ ހުވާ ކުރައްވަންދެން މޭޔަރުގެ މަގާމުގައި ދެމިހުންނެވުމަށެވެ.

މާލެ ސިޓީގެ މޭޔަރުގެ ހުރިހާ މަސްއޫލިއްޔަތެއް މޭޔަރު މުއިއްޒު މިހާރު ވަނީ ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލު ކުރައްވައިފަ އެވެ.

ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ހަބީބު ވިދާޅުވީ ބައި-އިލެކްޝަންގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ، އެލްޖީއޭ އިން އެ ކޮމިޝަނަށް އެންގެވުން ކަމަށެވެ.

ހަބީބު ވިދާޅުވީ އެލްޖީއޭ އިން އެ ކޮމިޝަނަށް އަންގަވާތާ ފަސް ދުވަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައްވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން، ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވާތާ 14 ދުވަސް ތެރޭ އެލްޖީއޭ އިން އީސީ އަށް އަންގަންޖެހޭއިރު، އެ އެންގުން އަންގާތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން މިހާރު ވެސް ބައެއް ފަރާތްތަކުންވަނީ ހާމަކުރައްވާފަ އެވެ. އޭގެތެރޭގައި ހިނގަމުން މިދާ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވެސް ވަނީ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވައިފަ އެވެ.