ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ހޯދުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިންތިހާބ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ގިނަ ބޭފުޅުންތަކެއް މަޖިލީހުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭރުން ކަންކަން ބާރު ސްޕީޑެއްގައި ގެންދިޔުމުގައި ކުރިއެރުން ލިބޭނެ ކަމަށާއި އަމާޒަކީ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ކާމިޔާބު ކުރުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު ޔަގީން ކަމަކާއި ހިތްހަމަޖެހުމަކީ ޕީޕީއެމް / ޕީއެންސީ އަށް ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވުން ކަމަށެވެ. އެކަން ނިމިގެންދިޔަ ރިޔާސީ އިންތިހާބުން ސާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހި އިގްތިސޯދު ރަނގަޅުކޮށް ދިވެހިންގެ ހާރިޖީ ސިޔާސަތު ހަމަ މަގަށް އަޅުވާ ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމު ކުރެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދުތައް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ޕީޕިއެމް/ޕީއެންސީގެ ގިނަ ބޭފުޅުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ކަމަށް. އެއިރުން ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށް ކަންކަން ބާރު ސްޕީޑްގައި ގެންދިއުމުގައި މާބޮޑަށްވެސް ކުރިއެރުން ލިބޭނެ." އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ

މި ޕްރޮގުރާމްގައި އިތުރަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަންނަ މަޖިލީހުގައި ތައުލީމީ ބޭފުޅުން ގިނަ ވެގެންދާނެ ކަމަށެވެ. އަދި އަންހެނުންގެ ދައުރުވެސް މަޖިލީހުގައި ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށް ވުމެވެ. އަދި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށް ވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަންހެން ބޭފުޅުން އަޅުގަނޑު ބޭނުން ވަރަށް ގިނަ ކުރަން، އެންމެ ރަނގަޅު ގޮތަކީ މަދުވެގެން ތިންބައިކުޅަ އެއްބައި އެމްޕީސްއުންނަކީ އަންހެން ބޭފުޅުންނަށް ވާން. މިވަގުތު ގާނޫނެއް އެގޮތަށް ނެތް." އިންތިހާބީ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މިފަހަރު 93 މެންބަރުން މަޖިލީހަށް އިންތިހާބު ކުރާނެ އެވެ.