މީގެ ދެތިން މަސްކުރިން ސިއްހީ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ހޯދުމަށްފަހު އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާގެ ކޮންސެޓް ޓުއާ ފަށައިފި އެވެ.

"ސެލެބްރޭޝަން"ގެ ނަމުގައި ލަންޑަންގައި ފެށި އެ ވޯލްޑް ޓުއާ ނުފެށި ލަސްވެފައިވަނީ ވެސް އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

ކޮންސެޓްގެ ފުރަތަމަ ރޭގައި ވެސް ގިނަ ބަޔަކު އޭނާގެ ޝޯ ބަލަން ދިޔައިރު މެޑޯނާ ވަނީ އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން އޭނާ ބުނީ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތުމަށްފަހު އަލުން އެފަދަ ސްޓޭޖެއްގައި ހުށައެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށެވެ.

"އަހަރެން ހިއެއް ނުކުރަން އަހަންނަށް އަލުން ދިރިއުޅުމެއް ލިބޭނެ ކަމަކަށް. ޑޮކްޓަރުން ވެސް ތިބީ އުއްމީދު ކަނޑާލައިގެން. އެހެންވެ އަހަރެން ކައިރީގައި އަހަރެންގެ ހުރިހާ ދަރިން ތިބި" މެޑޯނާ ބުންޏެވެ.

މިދިޔަ އޮގަސްޓް މަހު 65 އަހަރު ފުރުނު މެޑޯނާ އިތުރަށް ބުނީ އޭނާގެ ހަޔާތުން ފަސް ދުވަސް ހަނދާނުގައި ނެތް ކަމަށާއި އެއީ ކިހިނެއް ވީ ދުވަސްތަކެއް ކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

މިދިޔަ ޖޫން މަހު އައިސީޔޫގައި މެޑޯނާއަށް ފަރުވާ ދޭން ޖެހުނީ އޭނާގެ ހަށިގަނޑުގައި ބެކްޓީރިއަލް އިންފެކްޝަންއެއް ފެތުރި ހާލަތު ގޯސްވުމުންނެވެ.