މީލާދީން 15 ވަނަ ގަރުނުގައި ދިރިއުޅުނު ކަމަށް ބުނާ ޝަހްސިއްޔަތެއް ކަމަށްވާ ލިއޮނާޑޯ ޑާ ވިންސީއަކީ މަޝްހޫރު ސައިންސްވެރިއެއްގެ އިތުރުން ކުޅަދާނަ ކުރެހުންތެރިއެއް ވެސްމެ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "މޮނާ ލީސާ"ގެ ނަމުން ނަން ދެވިފައިވާ ކުރެހުމެކެވެ.

އަންހެނަކު އެއް އަތް މަތީގައި އަނެއް އަތް ބާއްވާލައިގެން އިންނަ މަންޒަރު ފެންނަ އެ ކުރެހުމަކީ ތެޔޮކުލަ (އޮއިލް ކަލާސް) ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެކެވެ.

15 ވަނަ ގަރުނުގެ އެ ކުރެހުމުގައި އެ ޒަމާނާ އަޅާ ބަލާއިރު މޮޅު އުކުޅުތަކެއް ގެންގުޅެފައިވާ ކަމަށް މިހާރުގެ ސައިންސްވެރިން ވެސް ބުނެ އެވެ. އެކަމަށް ބާރުދޭ އިތުރު ސިއްރުތަކެއް ވެސް މިވަނީ ހާމަވެފަ އެވެ.

2019 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި "މޮނާ ލީސާ" ކުރެހުމުގައި އާދަޔާޚިލާފު ކޮމްޕައުންޑްއެއް ބޭނުންކޮށްފައިވެ އެވެ. ޕްލަމްބޮންކްރައިޓް ނަމަކަށް ކިޔާ އެ ކޮމްޕައުންޑަކީ ތެޔޮކުލަ ހިއްކެމުށް އެހީވެދޭ ކޮމްޕައުންޑެކެވެ.

ބުނެވޭ ގޮތުގައި ޑާ ވިންސީ "މޮނާ ލީސާ" ކުރަހާފައިވަނީ ވަރަށް ބޯ ލަކުޑީގެ ފްރޭމެއްގަ އެވެ. އެހެން ކަމުން ލަކުޑީގައި ކުލަ ހިފުވުމަށްޓަކައި އޭނާ ބޭނުންކުރި އުކުޅަކުން އެ ކޮމްޕައުންޑް އުފެދިފައިވަނީ ޚުދު އޭނާއަށް ވެސް ނޭނގި އެވެ.

މި ދެންނެި ކޮމްޕައުންޑަކީ މިއަދުގެ ކުރެހުންތެރިންނާއި އާޓިސްޓުން އެމީހުންގެ މަސައްކަތްތަކުގައި ވަރަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ކޮމްޕައުންޑެކެވެ.

އެހެން ކަމުން ޑާ ވިންސީއަކީ އޭނާގެ އުމުރަށްވުރެ އެތައް ގަރުނެއް ފަހުން ބޭނުން ކުރަން ފެށި އުކުޅެއްގެ އަސްލު ބާނީގެ ގޮތުގައި އެ ދިރާސާގައި ސިފަކޮށްފައިވެ އެވެ.