ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ސިންގަމް ފްރެންޗައިޒްއަކީ އާއްމުންގެ މެދުގައި މަގުބޫލު ފިލްމުތަކެކެވެ. އެ ފްރެންޗައިޒްގެ ކޮންމެ ފިލްމެއްވެސް ކާމިޔާބުވެފައިވާއިރު މިހާރު ގިނަ ބަޔަކު އަންނަނީ އެ ފްރެންޗައިޒުގެ ކުރިއަށް އޮތް ފިލްމު "ސިންގަމް އަގެއިން"އަށް އިންތިޒާރު ކުރަމުންނެވެ.
ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް އެ ފިލްމުން ފެނިގެންދާއިރު އެ ފިލްމުގެ ޓީމަށް އަދިވެސް އަންނަނީ ތަރިން އިތުރު ވަމުންނެވެ.
އެގޮތުން އެންމެ ފަހުން "ސިންގަމް އަގެއިން"ގެ ޓީމަށް އިތުރުވެފައިވަނީ ޒުވާން ތަރި ޓައިގާ ޝްރޮފް އެވެ. ޓައިގާ ވަނީ އެކަން އޭނާގެ އިންސްޓަގުރާމްގައި ހިއްސާކޮށްފަ އެވެ.
ފިލްމުގައި އޭނާގެ ފެނިލުމަކާއެކު ހިއްސާކޮށްފައިވާ އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "އިންސްޕެކްޓާ ސަތުޔާ" ޑިއުޓީއަށް ރިޕޯޓުކުރާ ކަމަށެވެ.ޓައިގާއާއެކު ދެން އެ ފިލްމުން ފެންނާނެ މަޝްހޫރު ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރު، ރަންވީރު ސިންހް، ދީޕިކާ ޕަދުކޯން، އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން ހިމެނެ އެވެ.
މަޝްހޫރު ސްޓާ ކާސްޓަކާއެކު ކުރިއަށްދާ ސިންގަމް އަގެއިންގެ ޝޫޓިން 2024 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ބެލެވެ އެވެ.