ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިން ހިދުމަތުގެ ބާނީ ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) ގެ ނަމާ ގުޅުވައި ދިވެހިރާއްޖޭގެ އަޑުގެ ނަން ބަދަލު ކުރެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި އިސްލާމީ މަރުކަޒުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރޭޑިއޯ ނުވަތަ ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އޮނަރަބަލް ސަމަރުބްލޫ އިބްރާހިމް މަނިކު. އަޅުގަނޑު ގަބޫލުކުރަނީ އެ ތަނުގެ އެ މަރުކަޒުގެ ނަން ވެސް ކޮންމެ ވެސް އެއް ސިފައެއްގައި ނިސްބަތްވާން ޖެހޭނީ އަލްމަރުހޫމް ސަމަރުބްލޫ އިބްރާހިމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ސަމަރުބްލޫ އިބްރާހިމް މަނިކަށް ތައުރީފް ކުރައްވައި ނައިބު ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ބައްދަލުވި ދުވަހު ވެސް އިހުސާސްވީ ކުރިން ފަށައިގެން ދަންނަ ބޭފުޅެއްގެ އިހުސާސް ކަމަށެވެ. ސަމަރުބްލޫ އިބްރާހިމް މަނިކަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އިބްރާހިމް މަނިކު ފާހަގަކުރެވުނީ ވަރަށް ކަމަށް ކަމޭ ހިތްތަވާ އެ ކުރައްވަން ނިކުންނަންވާ ކަމެއް ވަރަށް ރަނގަޅަށް ކުރައްވާ ބޭފުޅެއް، ޒުވާނުންނަށް ޓަކައި ގައުމީ މަސައްކަތްތަކެއް ކުރައްވަން ތައްޔާރަށް ހުންނެވި ބޭފުޅެއްގެ ގޮތުގައި،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ގައުުމަށް ހިދުމަތް ކުރައްވައި އެކި ރޮނގު ރޮނގުން މަސައްކަތް ކޮށްދެއްވި ހިދުމަތްތެރިންގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ. އެއްވެސް ނިއުމަތެއް ބީވެ ނުދަނީސް، އެ ނިއުމަތެއްގެ އަގު ވަޒަންކުރުމަކީ އިންސާނުންނަށްވީތީ ޠަބީއަތުގައި ވެސް މަދުން ނޫނީ ނުކުރެވޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި އިބްރާހިމް މަނިކުގެ ޚާއްސަ ޕްރޮގްރާމްތައް ކަމަަށްވާ "ބާއްޖަވެރި ހެނދުނެއް" ގެ ވާހަކަ އާއި، ރޯދަ ކުރުކުރުމަށް ގެނެސްދޭ ޚާއްސަ ޕްރޮގްރާމް ފާހަގަ ކުރެއްވި އެވެ.

ސަމަރުބްލޫ އިބްރާހިމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.