ދެހާހުގެ ކުރީކޮޅު ބޮލީވުޑަށް ތައާރަފްވި އިމްރާން ޚާންއަކީ އެ ދުވަސްވަރު އެ ދާއިރާގައި އެންމެ ނަން ހިނގާލި ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ.
2008 ވަނަ އަހަރު ނުކުތް "ޖާނޭ ތޫ ޔާ ޖާނޭނާ"އިން ބޮލީވުޑަށް ތައާރަފްވި އިމްރާން ވަނީ އޭގެ ފަހުން އައި އަހަރުތަކުގައި ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ.
އެހެން ނަމަވެސް 2015 ވަނަ އަހަރު ކަންގަނާ ރަނޯޓުއާއެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ"އަށްފަހު އެ ދާއިރާއިން އޭނާ ގެއްލުނެވެ. ސަބަބެއް އެއްވެސް މީހަކަށް ނޭނގެ އެވެ.
އޭގެ ފަހުން 8 އަހަރު ފާއިތުވި އިރު ވެސް އާއްމުން އަންނަނީ އިމްރާންގެ އެނބުރި އެއުމަކަށް އިންތިޒާރު ކުރަމުންނެވެ. ޚުދު އިމްރާން ވެސް ވަނީ ދޭތެރެއަކުން އެކަމުގެ އިޝާރާތްތައް ދީފަ އެވެ.
އެންމެ ފަހުން މިދިޔަ ހަފްތާގެ ތެރޭގައި އިމްރާން މިވަނީ ރަސްމީ ގޮތުން އެކަން ޔަގީން ކޮށްދީފަ އެވެ. ގިނަ ދުވަސްތަކަކަށްފަހު ސްޓޭޖެއް މަތިން ފެނުނު އިމްރާން ބުނީ ބައެއް ޑައިރެކްޓަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
" ސީދާ ޖަވާބެއް ދޭކަށް ނޭނގެ. އަހަރެން މި އަންނަނީ ޑައިރެކްޓަރުންނާ ވާހަކަ ދައްކަމުން. އެހެންވީމަ ހީވަނީ އަންނަ އަހަރު ހެން" ފިލްމަކުން ފެންނާނީ ކޮންއިރަކުންތޯ ސުވާލު ކުރެވެމުން އިމްރާން ބުންޏެވެ.
އިމްރާންގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް"، "ގޯރީ ތެރޭ ޕްޔާރް މޭން" އަދި "ދެއްލީ ބެލީ" ފަދަ ފިލްމުތައް ހިމެނެ އެވެ.